މިއީ އެންމެ ފޯރިގަދަ ވަގުތެވެ. ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައީސަކު ކަނޑައެޅުމަށް ނަގާ ވޯޓަށް ވަގުތު މިވަނީ ވަރަށް ކުޑަތަން ވެފައެވެ. އެކި ކެންޑިޑޭޓުން އެކި ނަތީޖާ އަންދާޒާ ކުރެއެވެ. ބޮޑެތި އަދަދުތަކުން ވޯޓު ލިބިލައްވާނެ ކަމަށް އެބަ ވިދާޅުވެއެވެ. ވަކި ޕަސެންޓެއްގެ ވޯޓު ޔަގީންކަމަށް އެބަ ވިދާޅުވެއެވެ. ރާއްޖޭގެ އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން ރައީސްކަމަށް އިންތިޚާބު ވާނީ ވޯޓުގެ 50 ޕަސެންޓަށް ވުރެން އިތުރަށް ހޯދާ ކެންޑިޑޭޓަކަށެވެ. ސުވާލަކީ އެ އަދަދަށް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ހޯދޭނެތޯއެވެ.

ފެންނަންހުރި މަންޒަރާއި ސިޔާސީ ކަންކަން ދިރާސާ ކުރައްވާ މީހުންނާ ވާހަކަ ދައްކާލުމުން އެންމެންނަށް ވެސް އިއްތިފާގު ވެވޭ ކަމެއް އެބައޮތެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުޙައްމަދު މުއިއްޒެވެ. ދެން ތިބި ކެންޑިޑޭޓުންނަށް އެ ދެ ކެންޑިޑޭޓުންނާ ކުޑަކޮށް ވާދަކޮށްލެވޭ ވަރުވެސް ވާނެ ކަމަކަށް މި ރިޕޯޓަށް މައުލޫމާތުދެއްވި ބޭފުޅުންނަކަށް ގަބޫލެއް ނުކުރެއްވެއެވެ. އަދި، އެ މަންޒަރެއް ނުވެސް ފެނެއެވެ.

މި ފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ހަތް ކެންޑިޑޭޓުން -- ސަން ގްރެފިކްސް

މިހާތަނަށް މަޖިލީހުގެ ފަސް އިންތިޚާބަކާއި ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެއްވުމަށް ފަހު ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވި ރައީސް ޞާލިޙް ޖައްސަވާ ހިސާބުން އެ މަނިކުފާނަށް އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި 130،000 ވޯޓު ލިބިލައްވައެވެ. އެމްޑީޕީން އެ ޖަހާ ހިސާބުން ވޯޓުގެ 53 ޕަސެންޓް އެ ޕާޓީއަށް ލިބެއެވެ. އެހެންކަމަށް ވެއްޖެ ނަމަ އެ ޕާޓީއަށް އެއްބުރުން އިންތިޚާބު ކާމިޔާބުވީއެވެ. މިއީ ވެދާނެ ގޮތެއްތޯއެވެ؟

ރައީސް ޞާލިހް 54 ޕަސެންޓުގެ ޔަގީންކަމުގައި

ރައީސް ޞާލިޙް ރިޔާސީ ރޭހަށް ނުކުންނެވީ، އަދާލަތު ޕާޓީއާއި އެމްޑީއޭ ހިމެނޭ ކޯލިޝަނަކުންނެވެ. އެމްޑީޕީގެ ރަޖިސްޓްރީގައި 57660 މެންބަރުން ތިބިއިރު އަދާލަތު ޕާޓީގައި 9786 މެންބަރުން އެބަތިއްބެވެ. އެމްޑީއޭގައި 10386 މެންބަރުން އެބަތިއްބެވެ. އެހެންކަމުން އެ ކޯލިޝަންގައި 77،832 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް މީހުން ވައްދާގޮތަށް ބަލާއިރު އެއީ އެންމެ ސައްހަ އަދަދަށް ނުވެ ވެސް ދާނެއެވެ. ކޮންމެ އަކަސް އެ އަދަދަށް ބަލާއިރު މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފަހަތުގައި ތިބީ ރައީސް ޞާލިޙުގެއެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރަށް އެންމެ ބޮޑު ތާއީދެއް ލިބިގެންދިޔަ އެއް ކަމަކީ ވަކި ރަށެއް ބާކީނުކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގަން ފެށި މަޝްރޫއުތަކެވެ. އެހެންކަމުން އާބާދީ މަދު ރަށްތަކުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް ލިބޭނެކަމަށް އެ ކޯލިޝަންގެ އިސް ބޭފުޅުން ގަބޫލުކުރައްވައެވެ. ހަމައެއާ އެކު މާލޭ ރައްޔިތުންނަށް ބިން ދިނުމާއި އައްޑޫ ހިއްކައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން އެ ދެ ސިޓީން ވެސް އަގުލަބިއްޔަތު ލިބޭނެ ކަމަށް އެމްޑީޕީން ދެކެއެވެ. ފުވައްމުލަކު ހާލަތު ސަރުކާރަށް ރަނގަޅުކަމަކަށް ނުފެނެއެވެ. ނަމަވެސް ކުޅުދުއްފުށިން ސަރުކާރަށް ގެއްލުނު ތާއީދު، މެންބަރު ޔާސިރު އަބްދުލްލަތީފާއި މޭޔަރު މުޙައްމަދު އާތިފް އެނބުރި އެމްޑީޕީއަށް އައުމުން ރަނގަޅުވާނެ ކަމަށް ލަފާކުރެއެވެ.

ރައީސް ޞާލިޙަށް މި އިންތިޚާބުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީ ދެބައިވެ، ޑިމޮކްރެޓްސް އުފެދުމެވެ. ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުން ނަތީޖާ ގަބޫލުނުކުރައްވައި ގޮސް އުފެއްދެވި ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު މިވަނީ ނެރެފައެވެ. ބުނެވޭ ގޮތުގައި އިލްޔާސް ލަބީބަކީ އިންތިޚާބު ކާމިޔާބު ކުރަން ވާދަކުރާ ކެންޑިޑޭޓެއް ނޫނެވެ. އެއީ، ރައީސް ޞާލިޙަށް ލިބޭ ވޯޓު މަދުކޮށް އެމްޑީޕީގެ ވޯޓު ބައިބައި ކުރަން ނުކުމެ ހުންނެވި ކެންޑިޑޭޓެއް ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން މިއީ ރައީސަށް އޮތް ގޮންޖެހުމެކެވެ.

"އެމްޑީޕީން ގަބޫލުކުރަނީ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ 13 ޕަސެންޓް ކަމަށް، އެހެންވެ ޕީޕީއެމްގެ ތެރެއިން 20 ޕަސެންޓް ވޯޓް ހޯދުން އަޅުގަނޑުމެންގެ ޓާގެޓަކީ،" އެމްޑީޕީގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވިއެވެ.

ރައީސް ޞާލިޙް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 134,705 ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓްލީ މީހުންގެ 58.4 ޕަސެންޓެވެ. އެ ފަހަރު ކޯލިޝަންގައި އޮތީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއެވެ. އޭގެ ތެރެއިން އެމްއާރުއެމަކީ ވަރަށް ކުޑަ ޕާޓީއެކެވެ. އެ ޕާޓީ މި ފަހަރުގެ އިންތިޚާބުގައި ވަކިން ވާދަކުރާއިރު ޖުމްހޫރީ ޕާޓީން ވެސް ވަކިން އިންތިޚާބުގައި ވާދަކުރެއެވެ.

އޭގެ އިތުރަށް، އެމްޑީޕީގެ ތެރެއިން ވެސް ބައެއް ގެއްލިއްޖެއެވެ. ނަޝީދު އިދިކޮޅުގައި ހުންނެވުމަކީ ރައީސަށް ގެއްލުމެކެވެ. ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީގައި އެމްޑީޕީ ތެރެއިން ނަޝީދު 15,631 ވޯޓު ހޯއްދެވިއެވެ. އެއީ، އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 39 އިންސައްތައެވެ.

"ފުރަތަމަ ބުރުގައި ރައީސް ޞާލިޙް ކުރީގައި އޮންނަ ކަމަށް ބެލެވެނީ. އެކަމަކު އެއްބުރުން ކާމިޔާބުވާ މަންޒަރެއް އަޅުގަނޑުމެންގެ އަންދާޒާތަކާއި ރަށުތެރެއިން ފެންނަ މަންޒަރަކުން ނުފެނޭ،" އިންތިޚާބުގެ ކަންކަން އޮބްޒާވް ކުރާ މިނިވަން މުއައްސަސާއެއްގެ އިސްވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

މުއިއްޒު ވެސް ޔަގީންކަމުގައި

ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނަށް ބަލާއިރު އެ ދެ ޕާޓީގައި 41,863 މެންބަރުން އެބަތިއްބެވެ. ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކައި އެ ކޯލިޝަން ފެންނަނީ ބަދަހިކޮށް އޮއްވައެވެ. ރައީސް ޔާމީންގެ ތާއީދު، މުއިއްޒަށް އޮތްކަން ޔަގީން ކޮށްދެއްވީ އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކެމްޕެއިނާ ގުޅުނު ހިސާބުންނެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ފުވައްމުލަކު ސިޓީގައި -- ފޮޓޯ/ ޕީޕީއެމް

ދެހާސް އަށާރަ ވަނަ އަހަރު ވެރިކަމުގައި ހުންނަވައި ދެވަނަ ދައުރަކަށް ވާދަ ކުރެއްވި ރައީސް ޔާމީނަށް އެ ފަހަރުގެ އިންތިޚާބުގައި ލިބިވަޑައިގަތީ 96,052 ވޯޓެވެ. އެއީ އެމަނިކުފާނު އާރާއި ބާރުގައި އެތައް ކަމެއް ކުރައްވައިގެން ހޯއްދެވި ވޯޓެވެ. މި ފަހަރު އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރަން ބޭނުންމަ އިދިކޮޅުގައި ހުންނަވައި މުއިއްޒު އެއަށް ވުރެން ގިނައިން ވޯޓު ހޯދަން އެބަޖެހެއެވެ.

"އަޅުގަނޑުމެން ޕޯޑިއަމްތަކުގައި މި ދަންނަވަނީ 60 ޕަސެންޓޭ ދެއްތޯ. އެކަމަކު ފުރަތަމަ ބުރުން ނާދިރު ކަމަށް ފެންނަނީ. އެކަމަކު ރަށްރަށުން ފެނުނު މަންޒަރުން ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އެކަމަކު ވެސް އެއް ބުރުން ވެދާނެކަމާ މެދު ޝައްކު. ސަރުކާރުން ފައިސާ އާއި އެހެނިހެން ގޮތްގޮތުން ވެސް ވަރަށް ނުފޫޒު އެބަ ފޯރުވާ،" ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މި އިންތިޚާބުގެ ކަންކަން މިހާރު ގޮސްފައިވާ ގޮތަށް ބަލާއިރު ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދާނެ ކަމަށް ލަފާ ކުރެވެނީ ޑިމޮކްރެޓްސްއިންނެވެ. ސީދާ ރައީސް ނަޝީދު ކެމްޕެއިންގައި ކުރެއްވި ބުރަ މަސައްކަތާއި އެ ޕާޓީގެ ކެމްޕެއިން ގެންގޮސްފައިވާ ގޮތުން ދެން ތިބި ކުދި ޕާޓީތަކަށް ވުރެން އެ ޕާޓީން ގިނަ ވޯޓު ހޯދާނެ ކަމަށް ބެލެވެއެވެ.

އެހެން އިންތިޚާބުތަކުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕެއިން މި ފަހަރު ފެނިގެން ގޮސްފައިވަނީ ވަރަށް ބަލިކަށިކޮށެވެ. ގާސިމްގެ ކަންކަން ގިނަ މީހުން ނެގީ ޖޯކަށެވެ. އެހެންކަމުން އެހެން އިންތިޚާބުތަކަށް ވުރެން ގާސިމަށް ލިބޭ ވޯޓު މި ފަހަރު މަދުވުން އެކަށީގެންވެއެވެ. ދެން ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން ބަހުސަށް ފަހު އެމްއާރުއެމްގެ ކެންޑިޑޭޓު އަހުމަދު ފާރިސް މައުމޫންގެ މަގުބޫލުކަން އިތުރުވެފައިވާތަން ފެނެއެވެ. އެހެންކަމުން ފަސްވަނައަށް ފާރިސްއާ ވާދަ ކުރާނީ އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ކަމަށް ބެލެވެއެވެ. އުމަރު ނަސީރުގެ ސިޔާސަތުތައް އާއްމުންނަށް ކަމުދެއެވެ. ނަމަވެސް އޭނާގެ ޓީމާއި ސިޔާސީ ހާލަތަށް ބަލާއިރު ވެރިކަން ހޯދޭ ވަރަށް ވޯޓު ހޯދޭނެ ކަމަކަށް ނުފެނެއެވެ. އަމިއްލަގޮތުން ވާދަ ކުރައްވާ އަނެއް ކެންޑިޑޭޓު ހަސަން ޒަމީލް ވެސް މީހުން ސީރިއަސްކޮށެއް ނުނަގައެވެ.

މަޝްރަހު ދިރާސާ ކުރައްވާ ބޭބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، މިދިޔަ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ވޯޓުތައް ވެސް ބެހޭނެއެވެ. އުމަރާއި ފާރިސް އަދި ނާޒިމަކީ ވެސް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭބޭފުޅުންނަށް ވުމުން، ޕީޕީއެމްގެ ތެރެއިން އިންސަންތައެއް އެ ބޭފުޅުންނަށް ބެހުމުގެ ފުރުސަތު އޮތް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ. އެއްބުރުން ނިމުން ދަތީ އެހެންވެއެވެ.

އާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ތިން ރިޔާސީ އިންތިޚާބެއް މިހާތަނަށް ބާއްވާފައިވާއިރު މުޅިން ވެސް ކުރި ހޯދަމުން އައީ އިދިކޮޅު ކެންޑިޑޭޓެވެ. ރައީސް ޞާލިޙް ނުކުމެ އެ ހުންނެވީ އެ ތާރީޚު ބަދަލު ކުރުމަށެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓު މުއިއްޒު ވެސް ހުންނެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫނެވެ. އެމްޑީޕީއާއި ޕީއެންސީން ވެސް ބުނަނީ އެއް ބުރުން އިންތިޚާބު ކާމިޔާބުވާކަށް ޔަގީން ކަމަށެވެ. ނަމަވެސް ހަމަ ސިކުނޑިން ވިސްނާއިރު އެ މަންޒަރެއް ނުފެނެއެވެ. ލަފާ ކުރެވޭ ގޮތުގައި ދާނީ ދެވަނަ ބުރަށެވެ.

އެހެންވެ، މި އިންތިޚާބުގައި ވެސް ކާމިޔާބީގެ ފުރުސަތު ބޮޑީ ދެވަނަ ބުރެއްގައި އެންމެ ގިނަ ޕާޓީތަކާ އެކު މަސައްކަތް ކުރެއްވޭ ލީޑަރަކަށް ކަމަށް ބެލެވެއެވެ. ތާރީޚަށް ބަލާއިރު ދެވަނަ ބުރަކަށް ގޮސްފިނަމަ އެންމެ ނުރައްކާ ބޮޑީ އެމްޑީޕީއަށެވެ.