07 Sep 2023, 11:49
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.
'ސަން' އާ ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓު ކަރުދާހާއި ސެކިއުރިޓީއަށް ބޭނުންވާ ހުރިހާ ސާމާނުތައް އިއްޔެ ހުރިހާ ރަށަކަށް ފޮނުވާ ނިމިފައިވާކަމަށެވެ.
އިންތިޚާބުގެ ކަންކަން ބެލުމަށް އަންނަ ބޭރުގެ މޮނީޓަރުންނާއި އޮބްޒާވަރުން އިއްޔެވަނީ ރާއްޖެ އަންނަން ފަށައިފައެވެ. ހަބީބް ވިދާޅުވީ މާދަމާގެ ނިޔަލަށް އެ ފަރާތްތައް ވެސް އައިސް ނިމޭނެ ކަމަށެވެ.
"އިންތިޚާބަށް އަޅުގަނޑުމެން [އީސީ]ން މި ވަނީ ވާން ޖެހޭ އެންމެހާ ތައްޔާރީތައް އެންމެ ފުރިހަމައަށް ވެފަ،" ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް އެއް ދުވަހަށް ވެފައިވާއިރު އީސީން މީގެ ކުރިން ވަނީ އެތައް ފަހަރެއްގެ މަތީން ޝަކުވާ ހުށަހެޅުމާއި، ރީރެޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. އެއަށް ފަހު ފައިނަލް ލިސްޓް އާންމު ކުރިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި, މި ފަހަރުގެ އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ ފަހަރެވެ. ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރެއިން އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކާއި ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓުން ހިމެނެއެވެ. އެއީ:
އުމަރު ނަސީރު - އަމިއްލަ
- ހަސަން ޒަމީލް - އަމިއްލަ
- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު - އެމްޑީޕީ
- ޑރ. މުޙައްމަދު މުއިއްޒު - ޕީއެންސީ
- ޤާސިމް އިބްރާހީމް - ޖުމްހޫރީ ޕާޓީ
- އަހްމަދު ފާރިސް މައުމޫން - އަމިއްލަ
- އިލްޔާސް ލަބީބް - ދަ ޑިމޮކްރެޓްސް
- މުޙައްމަދު ނާޒިމް - އެމްއެންޕީ
މޭ 6، 2017: ލޯކަލް ކައުސިލް އިންތިޚާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވޯޓު ލާން ދާ ފަރާތްތަކުން ސަމާލުވާންވީ ބައެއް ކަންތައްތައް
އިންތިޚާބުގައި ވޯޓުލުމަށް "އީފާސް" ނުވަތަ ޑިޖިޓަލް އައިޑީ ބޭނުންނުކުރެވޭނެއެވެ. އީސީން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ރަސްމީ ލިޔުމުގެ ގޮތުގައި ބަލައިގަންނާނީ ހަތަރު ލިޔުމެއް ކަމަށެވެ. އެގޮތުން ރަސްމީ ލިޔުމުގެ ގޮތުގައި ބަަލައިގަންނާނީ މުއްދަތު ހަމަނުވާ އައިޑީ ކާޑާއި، ޕާސްޕޯޓާއި، ޕާސްޕޯޓު ކާޑު އަދި ލައިސަންސްއެވެ.
އިންތިޚާބުގައި ވޯޓު ލާން ޖެހޭނީ އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް އީސީން ވަނީ ކަނޑައަޅާފައެވެ. ކަޅު ނުވަތަ ނޫ ކުލަ ނޫން އެހެން ކުލައެއްގެ ގަލަމެއް ގެންގޮސްފި ނަމަ، އެއީ އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ބުނާ ފަދަ "އާދައިގެ ގަލަމެއް" ކަމަށް އޮފިޝަލުން ބަލައިނުގަންނާނެ ކަމަށް ވެސް އީސިން ބުނެފައިވެއެވެ.
މީގެ އިތުރުން ވޯޓު ކަރުދާހުގައި އެއް ފާހަގައަށް ވުރެ ގިނަ ފާހަގަ ނުވަތަ ނިޝާނެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ވެސް އިތުރަށް އޮވެއްޖެ ނަމަ ވޯޓު ކަރުދާސް ބާތިލުވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.