އެމްޑީޕީ އިން ކުރާ މުޒާހަރާތަކުގައި މީހުން ހައްޔަރުކޮށް "ހަމަ އެކަނި" އެ ޕާޓީގެ މެންބަރުންގެ މައްޗަށް ދައުލަތުން ދައުވާ ކުރަމުންދިއުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖަސްޓިސް ބިލްޑިން ގޯތިތެރޭގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ގާނޫނު ޓީމުގައި ހިމެނިވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފު މިއަދު ވިދާޅުވީ އިދިކޮޅު ފަރާތަކުން މީގެ ކުރިން ކޮށްފައިވާ މުޒަހާރާތަކުގައި ފުލުހުންނާއި ސިފައިންނަށް ގެއްލުން ދީފައިވާ އިރު އެމީހުންގެ މައްޗަށް ދައުވާ ނުކޮށް އެމްޑީޕީ މެންބަރުންގެ މައްޗަށް އެކަނި ދައުވާ އުފުލަމުން ދަނީ އެމްޑީޕީ މެންބަރުނަށް "ބިރު ދެއްކުމަށް" ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ހަރަކާތްތައް ހުއްޓުވާލުމަށް ދައުލަތުގެ ފަރާތުން ހިންގަމުންދާ ބިރުދެއްކުމުގެ އަމަލެއް. މިކަމާ އަޅުގަނޑުމެން އިހްތިޖާޖު ކުރާނަން." އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ ރާއްޖެތެރެ އިން ހައްޔަރުކުރާ މީހުނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ގާނޫނީ އެހީތެރިކަން ދިނުމުގައި ވެސް އެމްޑީޕީގެ އެކްޓިވިސްޓަކަށް ވީތީ އެކަމުގައި ތަފާތުތަކެއް ގެންގުޅޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝާއިރު ވެސް ވަނީ ދައުލަތުން ދައުވާ އުފުލުމުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށް ވިދާޅުވެ ޕީޖީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ބަދަލުވި ދުވަހު އެމްޑީޕީ މެންބަރުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އެކަން ތަހްގީގު ކުރުމުގައި ހިއުމަންރައިޓް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އޮތީ ފެއިލްވެފައި ކަމަށެވެ.

"ހިއުމަން ރައިޓްސް ކޮމިޝަން ޓޯޓާލީ ފެއިލްޑް، ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ޓޯޓަލީ ފެއިލްޑް، ތިން މަސް ދުވަސް ފާއިތުވެގެންދިޔަ އިރު އަޅުގަނޑުމެން މި ދައްކަނީ އާންމު ރައްޔިތަކަށް ގެއްލުންވި ވަހަކައެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ ފުލުހުންގެ މުވައްސަސާ އަށާއި އެމްއެންޑީއެފަށް ގެއްލުން ދިން ވާހަކަ. މިކަން ކަން އެޓްލީސްޓް [ އެންމެ ކުޑަމިނުން ] ތަހްގީގު ކުރެވެން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ވެރިކަން ބަދަލުވުމަށް ފަހު މިހާތަނަށް އެމްޑީޕީން ހިންގި ހަރަކާތްތަކާ ގުޅިގެން 44 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ކޯޓުގައި 30 މީހެއް މައްޗަށް ދައުވާ އުފުލާފައިވާ އިރު 12 މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުގައި އަދި ދެ މީހުން މައްޗަށް ނައިފަރު ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެ އެވެ.