ބެއިޖިންގް (7 ސެޕްޓެމްބަރު 2023): އެމެރިކާގައި އުފައްދާ އައިފޯނާއި ދެކުނު ކޮރެއާގައި އުފައްދާ ސެމްސަންގް އާއި ބޭރު ގައުމުތަކުގައި އުފައްދާ އެނޫން ފޯނުތައް ވެސް ޗައިނާގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރުން މަނާކޮށްފިއެވެ.

ޗައިނާއިން އެގޮތަށް ނިންމި ނަމަވެސް، އާންމު ފަރުދުން އެމީހުންގެ އަމިއްލަ ބޭނުންތަކަށް ބޭރުގެ ފޯނުތައް ބޭނުންކުރުން މަނައެއް ނުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާ މިގޮތަށް ނިންމީ އެގައުމުގެ ގައުމީ ސަލާމަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައެވެ. މީގެ ތެރޭގައި ޗައިނާ ސަރުކާރުގެ ސިއްރުތައް ރައްކާތެރިކުރުމާއި ޖާސޫސުކުރުމުގެ ނުރައްކާ ކުޑަކުރުންވެސް ހިމެނޭ ކަމަށް ޗައިނާއިން ބުނާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޗައިނާ ސަރުކާރުގެ މިނިންމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި ބޭރު ޓެކްނޮލޮޖީއަށް ބަރޯސާވުން ކުޑަކުރުމާއި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުންވެސް ހިމެނެއެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ޗައިނާގެ މި ސްޓްރެޓީޖިކް ނިންމުމަކީ ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް އެމެރިކާއިން އަޅަމުންގެންދާ ފިޔަވަޅުތަކަށާއި އެމެރިކާގެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ (ސެމީ ކޮންޑަކްޓަރު އުފައްދާ މަތީފެންވަރުގެ މެޝިންތައް) ޗައިނާއަށް ދިނުން މަނާކުރުމަށް އެމެރިކާ ނިންމާ ނިންމުންތަކަށް ދިން ރައްދެކެވެ.

ޗައިނާގެ ވާވޭ ފޯނާ ދެކޮޅަށް އެމެރިކާވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ވާވޭ ސްމާޓްފޯނުގެ އިތުރުން އެކުންފުނީގެ އެހެން އުފެއްދުންތަކާ ދެކޮޅަށްވެސް އެމެރިކާވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެތެރޭގައި ވާވޭ ޓެކްނޮލޮޖީސްގެ ނެޓްވޯކިން މެޝިންތަކާއި ސީސީޓީވީ ކެމެރާތައް ބޭނުންކުރުން އެމެރިކާގައި މަނާކުރުން ހިމެނެއެވެ.

އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން ޗައިނާ ނިންމި މި ނިންމުމުގެ ނޭދެވޭ އަސަރު އެމެރިކާގެ އައިފޯނުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ކުރާނެކަމަށް "ވޯލްސްޓްރީޓް ޖޯނަލް"އިން ބުނެއެވެ. އެ ނޫހުގައިވާ ގޮތުން އެމެރިކާގެ އެޕަލް ކުންފުނީގެ ޖުމްލަ އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ އާމްދަނީއަކީ ޗައިނާއަށް އައިފޯނު ވިއްކައިގެން ލިބޭ އާމްދަނީއެވެ.

އައިފޯނު އުފައްދާ އެމެރިކާގެ އެޕަލް ކުންފުނީގެ ގިނަ ކާރުޚާނާތަކެއް ޗައިނާގައި ހުރެއެވެ. އެޕަލް ކުންފުނިން ޗައިނާގައި ކުރާ އައިފޯން ވިޔަފާރިއަކީ ވަރަށް ފުޅާދާއިރާއެއްގެ ވިޔަފާރިއެކެވެ. އާދަޔާ ޚިލާފު ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއެވެ. ޗައިނާ ސަރުކާރުގެ ބޭނުންތަކަށް އެޕަލްގެ އުފެއްދުންތައް ގަތުން ހުއްޓާލުމަކީ އެޕަލްގެ އާމްދަނީއަށް އެނގުންވާނެކަމެކެވެ. ޗައިނާއަކީ ބިޔަ ގައުމަކަށްވާތީ ޗައިނާގެ މިނިންމުގެ ސަބަބުން އެޕަލްގެ އާމްދަނީ ދަށަށްދާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.