ފިލްމީ ދާއިރާއަށް އެނބުރި އަންނަން ނިންމި ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ދިމާވި ކަންތައްގަނޑެއްގެ ސަބަބުން ފިލްމު ކުޅުން ހުއްޓާލަން ބޭނުންވިކަމަށް ޝިލްޕާ ޝެޓީ ބުނެފިއެވެ.

ނުވަދިހައިގެ އަހަރުތަކުގެތެރޭ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ލީޑް ރޯލް ކުޅެފައިވާ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2007ވަނަ އަހަރުއެވެ. އެއީ އަނޫރާގު ބާސޫ ޑައިރެކްޓްކުރި "ލައިފް އިން އަ މެޓްރޯ"އެވެ.

ފިލްމީ މަސައްކަތްތަކާ ދުރުވި ނަމަވެސް ޝިލްޕާއަކީ ތަފާތު އެކި އެންޑޯސްމެންޓުތަކުންނާއި ޓެލެވިޒަން ޝޯތަކުގެ ފަނޑިޔާރެއްގެ ގޮތުގައި ބެލުންތެރިންނާ ބައްދަލުކުރަމުން އަންނަ ފިލްމީ ތަރިއެކެވެ.

ދާދިފަހުން ޝިލްޕާ ސޮއިކޮށްފައިވާ، ޑައިރެކްޓަރު ސޮނަލް ޖޯޝީގެ ފިލްމު "ސުކީ"ގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު މިފިލްމަކީވެސް އެއްވެސް ގޮތަކަށް ކުޅެން ބޭނުންވި ފިލްމެއް ނޫންކަމަށް ބަތަލާވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ބުޝަން ކުމާރު ފިލްމުގެ ސްކްރިޕްޓް ކިޔާދިނުމުންވެސް ފިލްމަށް އެހެން ތަރިއަކު ހޮވަން އެދުނުކަމަށް ޝިލްޕާވަނީ ބުނެފައެވެ. އެހެންނަމަވެސް ފިރިމީހާ ރާޖު ކުންދްރާ ބޭނުންވީ ޝިލްޕާ މިފިލްމަށް ސޮއިކުރަންކަމަށާއި ފިލްމު ކުޅެން އެއްބަސްކުރުވި މީހަކީ ރާޖްކަމަށް ޝިލްޕާވަނީ ބުނެފައެވެ. އަދި ފިލްމަށް އެއްބަސްވުމަށް އަށް މަސްދުވަސް ނެގިކަމަށް 48އަހަރުގެ ބަތަލާވަނީ ބުނެފައެވެ.

މިމަހުގެ 22ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ސުކީ"ގައި ޝިލްޕާ ފެންނާނީ މިނިވަންކަމެއްނެތި ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅޭ މަންމައެއްގެ ރޯލްއިންނެވެ. އަދި ސްކޫލް ދައުރުގެ ރަޙްމަތްތެރިންނާ ބައްދަލުވުމުން ޝިލްޕާގެ ހަޔާތަށް ބޮޑު ބަދަލެއް އަންނަތަން ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެއެވެ.

ފިލްމު "ލައިފް އިން އަ މެޓްރޯ"އަށްފަހު ޝިލްޕާގެ ފިލްމެއް ބެލުންތެރިންނަށް ފެނިފައިވަނީ 2021ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހަންގާމާ2" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ނިކަންމާ"އިންނެވެ. މި ދެ ފިލްމަށްވެސް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.