07 Sep 2023, 08:40
ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާންއަށް އިންޑިއާގެ ސައުތު ސިނަމާގެ ފިލްމުތަކުގެ ތެރެއިން މަލަޔާލަމް ފިލްމުތައް ވަރަށް ކަމުދާ ކަމަށް ބުނެފިއެވެ.
ޝާހްރުކް ޚާނާ އެކު 2017 ވަނަ އަހަރު ފިލްމު "ރައީސް"އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ ވަނީ ޕާކިސްތާނުގެ ފިލްމީ ދާއިރާގެ ރަޙްމަތްތެރިންނާ އެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމެއްގައި ސައުތު ސިނަމާގެ ފިލްމެއް ކޮންމެހެން ވެސް ބަލައިލަންވާނެ ކަމަށް ބުނެފައެވެ.
މާހިރާ ޚާންގެ މި ވީޑިއޯ ޓްވިޓާގައި ދައުރުވާން ފަށާފައިވާއިރު މާހިރާ އިޝާރާތް ކުރާ ފިލްމުތަކަކީ ތެލުގޫ އަދި ތަމަޅަ ފިލްމު ނޫން ކަމަށާއި އެހެންނަމަވެސް އެއީ ސަތޭކަ ޕަސެންޓް މަލަޔާލަމް ފިލްމުކަމަށް ބަތަލާވަނީ ބުނެފައެވެ. މާހިރާ ބުނެފައިވަނީ މަލަޔާލަމް އެކްޓަރުންގެ ތެރެއިން މެގަ ސްޓާރު މޯހަން ލާލާއި ޕްރިތުވީ ރާޖަކީ މާހިރާއަށް ވަރަށް ކަމުދާ ފިލްމީ ތަރިންކަމަށެވެ. އަދި، މަލަޔާލަމް އެކްޓަރު ޕްރިތުވީ ރާޖްއާއި ވަރަށް ކުރިން ބައްދަލުވި ކަމަށް ވެސް މާހިރާ ވަނީ ބުނެފައެވެ.
މަލަޔާލަމް ސިނަމާގެ ގިނަ ފިލްމުތަކުން އާމްދަނީ ހޯދަނީ އެ ފިލްމުތައް ބޮލީވުޑަށް ބޮޑު އަގުގައި ވިއްކާލައިގެން ކަމަށާއި މަލަޔާލަމް ފިލްމު އުފައްދާ ފަރާތްތަކަށް ވިޔަފާރީގެ ގޮތުން ވަރަށް ބޮޑު ފައިދާއެއް ކުރާ ކަމަށް މާހިރާވަނީ ބުނެފައެވެ. މަލަޔާލަމް ފިލްމުތަކުގައި ގެނެސްދޭ ޚިޔާލީ ވާހަކަތަކާ އެކު ފިލްމު އުފެއްދުމުގެ ފެންވަރު ފެނި ބަތަލާ ހައިރާންވި ކަމަށް މި ބައްދަލުވުން ތެރޭ އޭނާ ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާއަށް 2011 ވަނަ އަހަރު ތަޢާރަފުވި މާހިރާއަކީ ޕާކިސްތާނުގެ އެންމެ މަގުބޫލު އެއް ފިލްމީ ތަރިއެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު މާހިރާގެ ޓީވީ ސިލްސިލާ "ހަމް ސަފަރު"އަށް ފަހު އެ ސިލްސިލާ ކުޅުނު އެކްޓަރު ފަވާދު ޚާންއާއި މާހިރާގެ ޖޯޑަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނެވެ. މާހިރާއާއި ފަވާދު ޚާން ހިމަނައިގެން ޕާކިސްތާނުގެ ވެބް ސީރީސްއެއް ވަރަށް އަވަހަށް ނެޓްފްލިކްސްއިން ގެނެސްދޭނެ ކަމަށް ދާދި ފަހުން ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.