07 Sep 2023, 08:47
ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ވިޔަފާރި ބްރޭންޑްކަމަށްވާ 'އެޑް އަ މަމާ' ކުންފުންޏާ އިޝާ އަމްބާނީ ގުޅިއްޖެއެވެ.
އިޝާ އަމްބާނީއަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ކުޑަކުދިންނަށް ޚާއްޞަކޮށްގެން އާލިއާ ހިންގާ ހެދުން ކަލެކްޝަންގެ މިބްރޭންޑް އިތުރަށް ތަރައްޤީކުރުމުގެގޮތުން މުކޭޝް އަމްބާނީގެ ކުންފުނި ރިލަޔަންސްއާ ގުޅެން ވިސްނާފައިވާކަމަށް އާލިއާވަނީ މިދިޔަ އަހަރުތެރޭ އިއުލާނުކޮށްފައެވެ.
މީގެ ތިން އަހަރުކުރިން އާލިއާ ބަޓް ލޯންޗުކުރި މި ބްރޭންޑުން ފުރަތަމަ އުފައްދަން ފެށީ އުމުރުން ދެ އަހަރާއި 14އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަ ހެދުންތަކެވެ. އަދި މި އުފެއްދުންތަކަކީ ތިމާވެށްޓާ ރަޙްމަތްތެރި އޭގެއިން ތިމާވެށްޓަށް ގެލުމެއް ނުލިބޭ އުފެއްދުންތަކެކެވެ.
އާލިއާގެ 'އެޑް އަ މަމާ'ގެ ޚާއްސަ އަދި ތަފާތު ކަމަކީވެސް އެއީއެވެ. މިދިޔަ އަހަރު އާލިއާ ބަލިވެއިނުމާ ގުޅިގެން މާބަނޑު އަންހެނުންނަށް ޚާއްޞަ ހެދުން ހޯދުމަށް ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައިވަނީ އެފަދަ ފަރާތްތަކަށް ޚާއްޞަ ކަލެކްޝަނެއްވެސް ތައާރަފުކޮށްފައެވެ.
ރިލަޔަންސް ކުންފުންޏާ ގުޅިގެން މަސައްކަތްކުރަން ނިންމިކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އިޢުލާނުކުރަމުން އާލިއާ ބުނެފައިވަނީ ރިލަޔަންސްއަކީ އިންޑިއާގައި ރީޓެއިލް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ކުންފުނިކަމަށެވެ. އެހެންކަމުން ރިލަޔަންސްއާ ގުޅިގެން ކުރިޔަށްއޮތްތަނުގައި 'އެޑް އަ މަމާ'އިން ވަރަށް ޚާއްޞަ ކަލެކްޝަންތައް ތަޢާރަފުކުރުމަށް ނިންމާފައިވާކަމަށް ބަތަލާވަނީ ބުނެފައެވެ. ޚާއްޞަކޮށް މިއީ ދެ މައިންގެ އެއްގޮތް ޚިޔާލުތަކަކާ ވިސްނުމާއެކު އެ ދެ މައިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރަތަމަ ހަރުފަތްކަމަށް އާލިއާވަނީ ބުނެފައެވެ.
މުކޭޝް އަމްބާނީއާއި އަންހެނުން ނިތާ އަމްބާނީގެ ދަރިފުޅު އިޝާ އަމްބާނީއަކީ ބޮލީވުޑްގެ ވަރަށްގިނަ ފިލްމީ ތަރިންނާ ގާތްގުޅުމެއް އޮންނަ ފަރާތެކެވެ. އިޝާ އަމްބާނީއަކީ، ރިލަޔަންސް އިންޑަސްޓްރީ ލިމިޓެޑްގެ އެގްޒެކެޓިވް ޑައިރެކްޓަރުގެ އިތުރުން އެ އާއިލާގެ ގިނަ ވިޔަފާރިތަކުގައި އެންމެ އިސް ޓީމުގެ މެމްބަރެއްވެސްމެއެވެ.
މުކޭޝް އަމްބާނީގެ މިލްކިއްޔާތު 95.5 ބިލިއަން ޑޮލަރަށް އަރައެވެ.