ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަތޮޅު ތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު, މުޅި އައްޑޫގެ އެތައް ހާސް މީހުން ނުކުމެ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސަށް މަރުހަބާ ކިޔައި، ސަލާންކުރުމަށް ޓަކައި ކުދި ބޮޑު އެތައް ހާސް ރައްޔިތުން ހިމެނޭ ދިގު ސަފު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ގޭޓުން ފެށިގެން، ގަމާއި، ފޭދޫ ގުޅޭ ޖެޓީއާ ހިސާބަށް ދެމިފައި އެބައޮތެވެ.

ބެލެވޭ ގޮތުގައި ދެ ހާހަށްވުރެ ގިނަ ރައްޔިތުންވަނީ އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ޓަަކައި އެއްވެފައެވެ. މީހުންނާ ސަލާންކުރެއްވުމުގައި ގަޑިއިރެއް ހޭދަކުރެެއްވި އިރުވެސް ކޮޅުނުފެންނަ ވަރުގެ ސަފެއް އޮތެވެ.

ރައީސް އިބްްރާހީމް މުޙައްމަދު ޞާލިޙު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

"އަޅުގަނޑުމެން މި ތިބީ ރައީސާއެކު އެއްބުރުން މި އިންތިޚާބު ކާމިޔާބުކުރަން. މި އައްޑޫ ތަރައްގީކުރުމަށް ބޭނުންވާ މަސައްކަތްތައް ފައްޓަވަން ކެރިވަޑައިގަތް ހަމައެކަނި ވެރިއަކީ ރައީސް އިބޫ،" ސަފުގައި ހުރި ރައްޔިތަކު ބުންޏެވެ.

މާލޭ ސިޓީ ފިޔަވައި ދެން އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫ ސިޓީއެވެ. މި ސިޓީއަކީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ވެރިއަކު ހޮވުމަށް ނެގޭ ވޯޓުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އެއް އާބާދީީއެވެ.

މި ފަަހަރުގެ ރިޔާސީ އިންތިޚާބު އައްޑޫގެ އެމްޑީޕީ މެމްބަރުންނަށް ޚާއްސަވަނީ އެއީ ރައީސްގެ ރަނިން މޭޓުގެ ގޮތުގައި މި ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވާފައި ވުމުންނެވެ.

"އަސްލަމަކީ މި ސިޓީގެ ހުރިހާ ރައްޔިތުންގެ އިތުބާރު އޮތް ބޭފުޅެއް. މަޖިިލީހުގައި ކަމަށް ވިޔަސް ހަމަ ރަނގަޅު މަސައްކަތެއް ކުރާ، ރަނގަޅު މީހެއް އެއީ،" މި ރަށުން އަސްލަމާ ގުޅޭގޮތުން ވާހަކަދެއްކި އާންމު ރައްޔިތަކު ބުންޏެވެ.

މި ސަރުކާރުން އައްޑޫގައި ހިންގާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސް އިބްްރާހީމް މުޙައްމަދު ޞާލިޙު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

ހަމައެއާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް އަޕްގްރޭޑްކޮށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއާއި، އައްޑު އަތޮޅުގެ ޗާޓު މުޅިން ބަދަލުކޮށްލި، ބިން ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ.

"އަދި ކިރިޔާ ހައްގު މިންވަރު މި ލިބެނީ، އަޅުގަނޑުމެން އައްޑޫގެ ރައްޔިތުންނަށް. ދެވަނަ ދައުރެއް ދޭން ޖެހޭ މި ކަންކަން ކުރަން. ހަގީގަތުގައި އެއް ދައުރު ދިނުމަކީ ކަމުދާ ގޮތެއް ނޫން." ސަންއާ ވާހަކަދެއްކި މީހަކު ބުންޏެވެ.