10 May 2012, 15:17
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވި އިރު ސަރުކާރުން ހިންގަމުން އައި 67 ކުންފުންޏެއް އޮތް ނަމަވެސް އެ ކުންފުނިތަކުގެ އަދަދު 49 އަކަށް ތިރިކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާ އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސް މުހަންމަދު ނަޝީދު ސަރުކާރާއި ހަވާލުވެ ވަޑައިގަތް އިރު 21 ކުންފުނި އޮތް ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެ އަދަދު 67 ކުންފުންޏެއް އުފުލުނު ކަމަށެވެ. އައްބާސް ވިދާޅުވީ އޭގެތެރެއިން ބައެއް ކުންފުނިތައް އުވާލުމުން އެ އަދަދު 49 އަކަށް ތިރިވެފައިވާ ކަމަށެވެ.
އެހެން ކަމުން ގާތްގަނޑަކަށް 18 ކުންފުންޏެއްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
"އެގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ގެންދަނީ އެ ގޮތަށް ހުރި [ފައިދާއެއް ނުވާ ބޭނުމެއް ނެތް] ކުންފުނިތައް އުވާލަމުން، އަދި އެ ގޮތުން ބައެއް ކުންފުނިތައް އުވާލުމަށް ބެލީއިރު ބައެއް ދަތިތައް ވެސް އެބަހުރި، އެއީ ބަދަލުދޭންޖެހުމާ ކޯޓުގެ ބައެއް މަރުހަލާތައް ފުރިހަމަ ކުރަން ޖެހޭ ކުންފުނިތައް، އެފަދަ ބައެއް ކުންފުނިތައް އެބަހުރި އުވާލަން ބޭނުން ވިޔަސް އުވާނުލެވިފައި،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ހަ ޔުޓިލިޓީޒް ކުންފުނި އުވާލުމަށެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަށް ހިންގުމަށް އުފެއްދި ހެލްތް ސާވިސަން ކޯޕަރޭޝަންތައް ވެސް އުވާލުމަށް ވަނީ ނިންމާފަ އެވެ.
އައްބާސް ވިދާޅުވީ އެ ކުންފުނިތަކުގެ ބޯޑުތައް އުވާލުމުން ސިޔާސީ މަގާމުތަކަށް ބަޖެޓުން ހަރަދުކުރާ ބައި ކުޑަވެ ދައުލަތުގެ ރިކަރަންޓް ހަރަދުތަކަށް ރަނގަޅު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި ގިނަ ކުންފުނިތަަކެއްގެ އެކުލަވާލާފައި ހުރީ ހިދުމަތްތަކެއް ދިނުމުގެ ބަދަލުގައި ސިޔާސީ ގޮތުން އެކި ފައިދާތައް ހޯދުމަށް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"އެއްކަލަ ސިޔާސީ ގޮތުން މި ބޯޑުތަކުގައި ތިބި ފަރާތްތަކަށް ކުރެވޭ ހަރަދު މިހިރީ ކުޑަވެފައި، އެއްކަލަ ބޯޑުތައް އުވާލީމައި ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ހަމަގައިމު ކުޑަވެއްޖެ،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ބައެއް ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތައް ބައެއް މިނިސްޓްރީތަކުގެ ދަށަށްވެސް ބަދަލުކޮށް އެ ކުންފުނިތައް އުވާލަން ނިންމާފަ އެވެ. މިސާލަކަށް ވޯކްސް ކޯޕަރޭޝަން ފަދަ ކުންފުނިތައް ހިމެނެ އެވެ. ކުރިއެކޭވެސް އެއްގޮތަށް މި ސަރުކާރަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހަރަދުތައް ބޮޑުވުމެވެ. ސަރުކާރުގެ ގިނަ ކުންފުނިތައް ހިންގަނީ ސަރުކާރުން ސަބްސިޑައިޒްކޮށްގެންނެވެ.