އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙާއި އެމެރިކާގެ ސަފީރު ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ވަނީ ތައުރީފުކުރައްވާފައެވެ.

ރައީސް ވަނީ އެމެރިކާ ސަފީރު، ސަފީރުކަމުގެ ދައުރު ފެއްޓެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ފަހު ބޭއްވި ބައްދަލުކުރެެއްވުން-- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކަފުޅުގައި އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކުރެވި، ސަފީރަކު އައްޔަނުކުރެއްވުމަކީ، ރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން، ވިޔަފާރިއާއި އިގްތިސާދީ ދާއިރާއާއި އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި އިގްތިސާދާއި ސަގާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި އެމްބަސީތަކުން މުހިއްމު ދައުރެއް އަދާކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު ޔޮން ވަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމުގައި، ރައީސް ޞާލިޙާއި ދިވެހި ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ފަހު ބޭއްވި ބައްދަލުކުރެެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.

ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވާފައި ވަނީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.

މި އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާ އާއި ރާއްޖެއާ ދެމެދު މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި ވަނީ ހިންގާފައެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު އެ އެމްބަސީ ވަނީ ބަންދުކޮށްފައެވެ.