ޖުމުހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ކެމްޕެއިނެއް ރޭ އިފްތިތާހު ކޮށްފި އެވެ.

ޖުމުހޫރީ ޕާޓީން ބުނީ އެ ޕާޓީގެ މެންބަރުންގެ އަދަދު މިއަހަރު ނިމުމުގެ ކުރިން 30000 އަށް އެރުވުމުގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ގޮތުން އަތޮޅު ކޯޑިނޭޓާސް އިފްތިތާހުކޮށްދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

ޖުމުހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން މުހައްމަދު އިމްތިޔާޒު (އިންތި) ވިދާޅުވީ އެ ޕާޓީގެ ހަރަކާތްތައް މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުމުގެ ގޮތުން ރާއްޖެ އަށް ސަރަހައްދަކަށް ބަހާލުމަށް ފަހު ކޮންމެ އަތޮޅެއްގައި ކޯޑިނޭޓަރަކު ހުންނާނެ ކަމަށެވެ.

"ރޭގައި ކަނޑައެޅުނީ 21 ކޯޑިނޭޓަރުން ކަނޑައެޅުނީ އެއީ ކޮންމެ އަތޮޅަކަށް ކޯޑިނޭޓަރަކާއި މާލެއަށް ކޯޑިނޭޓަރެއް ކަނޑައެޅުނީ. އޭގެ އިތުރުން ކޯޑިނޭޓަސްގެ ބެލުމުގެ ދަށުން ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓެއް ގާއިމްކުރެވޭނެ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ރަށްރަށުގައި ގާއިމްކުރާ ފޯކަލް ޕޮއިންޓްގެ ބެލުމުގެ ދަށުން ކޮންމެ ރަށެއްގައި އެ ޕާޓީގެ ހަރުގެއެއް ތައްޔާރުކުރަން ހަމަޖެހިފައިވާ ކަމަށާއި ކޮންމެ ރަށެއްގައި ވެސް އެ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަރުގޭގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ވާގޮތުން މިހާރު ޖުމުހޫރީ ޕާޓީގެ މެންބަރުންގެ އަދަދަކީ 5548 މެންބަރުން ނެވެ.