އެޕަލްއިން ޗިޕް ޓެކްނޮލޮޖީއަށް، އާމްއާއެކު ދިގު މުއްދަތުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާމް ހޯލްޑިންގްސްއަކީ އިނގިރޭސިވިލާތުގެ ކެމްބްރިޖްގައި ހުންނަ، ސެމިކޮންޑަކްޓާ އާއި ސޮފްޓްވެއާ ޑިޒައިން ކުންފުންޏެކެވެ.

އެޕަލްއިން އާމްއާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދިގު މުއްދަތަކަށް އެ ކުންފުނިން އެޕަލްއަށް ޗިޕް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށެވެ.

ފަންސާސް ދެ ބިލިއަން ޑޮލަރުގެ މި ބޮޑު އިންވެސްޓްމެންޓް އާމްއިން އަންގާރަ ދުވަހު އިއުލާން ކޮށްފައިވާއިރު، މިއީ މި އަހަރު އެމެރިކާގައި ހަދާ މިފަދަ އެންމެ ބޮޑު އެއްބަސްވުމެވެ.

އާމްއަކީ ދުނިޔޭގެ ގިނަ ސްމާޓްފޯނުތަކުގެ ކޮމްޕިއުޓިން އާކިޓެކްޗާގެ ފަހަތުގައިވާ އިންޓެލެކްޗުއަލް ޕްރޮޕަޓީސް އެޕަލް އާއި އެހެނިހެން ގިނަ ކުންފުނިތަކަކަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެޕަލްގެ އައިފޯނާއި އައިޕެޑް އަދި މެކްތަކަށް އަމިއްލަ ކަސްޓަމް ޗިޕްތައް ފަރުމާކުރުމުގެ މަރުހަލާގައި އެޕަލްއިން ބޭނުންކުރަނީ އާމްގެ ޓެކްނޮލޮޖީއެވެ.

މި ދެ ކުންފުންޏަކީ ދިގު ތާރީޚެއް އޮތް ދެ ކުންފުންޏެވެ. އެޕަލްއަކީ 1990 ވަނަ އަހަރު އެ ކުންފުނީގެ "ނިއުޓަން" ހޭންޑްހެލްޑް ކޮމްޕިއުޓަރު ނެރުމުގެ ކުރިން، އާމް ބޭސްޑް ޕްރޮސެސަރު ޗިޕެއް ބޭނުންކޮށްގެން ނެރުމަށް އެންމެ ފުރަތަމަ ބައިވެރިވި އެއް ކުންފުންޏެވެ. ނިއުޓަންއަކީ ކާމިޔާބު އުފެއްދުމަކަށް ނުވި ނަމަވެސް އާމް މޮބައިލް ފޯނު ޗިޕްތަކުގައި ބާރުގަދަވީ ކަރަންޓު ބޭނުންކުރާ މިންވަރު މަދުވުމުގެ ސަބަބުން ބެޓެރީތައް ދިގު މުއްދަތަކަށް ދެމިއޮތުމަށް މަގުފަހިކޮށްދޭތީއެވެ.

އެޕަލް އަކީ މިދިޔަ އަންގާރަ ދުވަހު އާމްގެ އިނިޝިއަލް ޕަބްލިކް އޮފަރިންއަށް 735 މިލިއަން ޑޮލަރު އިންވެސްޓްކުރި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އާމްގެ ހިއްސާ ގަންނަން އެއްބަސްވި އިންވެސްޓަރުންގެ ތެރޭގައި އެޕަލް ހިމެނޭކަން އެންމެ ފުރަތަމަ ކަށަވަރުކޮށްދިނީ މިދިޔަ ހަފުތާގައި ރޮއިޓާސް އިންނެވެ.