10 May 2012, 14:04
ގދ. ގައްދޫގައި ހަލުވިކަމާ އެކު "ވައިރަލް ފީވާ" ފެތުރެމުންދާ ކަމަށާއި އޭގެ ސަބަބުން ރަށުގެ ސިއްހީ މަރުކަޒަށް ބާރު ބޮޑުވެފައިވާ ކަމަށް ރަށުން ކައުންސިލުން ބުނެފި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން އެ ރަށު ސިއްހީ މަރުކަޒުގައި ހުންނަވައިގެން ސަން މީޑިއާ ގްރޫޕަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިއްޔެ މެންދުރު ފަހުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ވައިރަލް ފީވާ ޖެހިގެން ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ.
ޖުމްލަ 20 އެނދު ހުންނަ އެ ސިއްހީ މަރުކަޒުގައި މިހާރު އެޑްމިޓް ކޮށްފައިތިބީ ކިތައް މީހުން ކަމެއް ރިޒާން ވިދާޅެއް ނުވެ އެވެ. ނަމަވެސް މިއަދު ވެސް މީހުން އެޑްމިޓްކުރަމުން އަންނަ ކަމަށާއި މިއަދު ވެސް އެޑްމިޓް ކުރަމުން އަންނަނީ ގިނައިން ކުޑަކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެ މެންދުރު ފަހު ގާތްގަނޑަކަށް 3:00 އާއި 4:00 ދެމެދު ވަރަށް ގިނަ އަދަދެއްގެ ކުދީން ސިއްހީ މަރުކަޒަށް ގެނައި. ބޮޑެތި މީހުނެއް ނޫން ހާއްސަކޮށް ކުދީން ވަނީ އެޑްމިޓް ކޮށްފައި. މެދު އުމުރުގެ އެއް ބަލި މީހަކާ އެކު ދެން ހުސް ކުޑަ ކުޑަކުދީން ތިބީ." އޭނާ ވިދާޅުވި އެވެ.
ރިޒާން ވިދާޅުވީ ސިއްހީ މަރުކަޒަށް ބާރުބޮޑުވުމާ އެކު އަންހެނުނަށް ހާއްސަ ވޯޑުތަކުގައި ފިރިހެން ކުދީން ވެސް އެޑްމިޓްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ކުއްޖަކު އެޑްމިޓް ނުކުރެވިގެން އިތުރު އެނދުތަކެއް ބަހައްޓަން އަދި ނުޖެހޭ ކަމަށެވެ.
"ހުރިހާ އެނދެއް އަދި ނުއެއް ފުރޭ. އެހެން ނަމަވެސް ފިރިހެނުންގެ ވޯޑާއި އަންހެނުންގެ ވޯޑާއި ގައިނީ ވޯޑާއި ވަކި ވަކީން ހުންނައިރުގައި މިސާލަކަށް އަންހެން ކުދީން ތިބޭ ވޯޑު ފުރިގެން ފިރިހެން ކުދިން ތިބޭ ވޯޑުގައި ބައެއް އަންހެން ކުދީން އެޑްމިޓް ކުރާން ޖެހުނު. ހަމަ އެގޮތަށް ބައެއް އަންހެން ކުދީން ވެސް ގައިނީ ވޯޑުގައި ހުން އައިސްގެން އެޑްމިޓް ކުރަން ޖެހުނު"
ރިޒާން އިތުރަށް ވިދާޅުވީ ވައިރަލް ފީވާ ފެތުރެމުން ދިޔަ އެންމެ ބޮޑު އެއް ސަބަބަބެއް ކަމަށް ބެލެވެނީ ރަށުގެ ސާފް ބޯފެން ލިބުމުގެ ދަތި ކަމާއި މަދިރި އިތުރުވަމުން ދިއުން ކަމަށެވެ.
ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ޓާސްކް ފޯހެއް އެކުލަވާލައި"ޑޯޓް ޑޯ" ޕޮރްގުރާމްތައް ހިންގަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.