06 Sep 2023, 08:50
ބޮލީވުޑަށް ތައާރަފުވެފައިވާ ސައުތު ސިނަމާގެ އެކްޓަރު ވިޖޭ ދެވެރަކޮންޑާގެ ފަރާތުން އެކްޓަރަށް ތާއިދުކުރާ ސަތޭކަ ފަރާތަކަށް ފައިސާގެ އެހީތެރިކަންދިނުމަށް ނިންމައިފިއެވެ.
މިއީ މިމަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި ވިޖޭގެ ފިލްމު "ޚުޝީ"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއެކު ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެކްޓަރު ނިންމި ނިންމުމެކެވެ.
ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ސަމަންތާ ރުތު ޕްރަބޫއާއެކު ވިޖޭ ކުޅެފައިވާ ފިލްމު "ޚުޝީ"އަކީ ވަރަށް ރީތި ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މިދިޔަ އަހަރު ރިލީޒްކުރި ވިޖޭގެ ހިންދީ ފިލްމު "ލައިގާ"އަށް ކުރިމަތިވި ނާކާމިޔާބީއާ އަޅާ ކިޔާއިރު ފިލްމު "ޚުޝީ"އަށް އާއްމުންދިން ލޯބީގެ އަގު ވަޒަންކުރާކަމަށް ވިޖޭވަނީ ބުނެފައެވެ.
ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށްގެންދާއިރު ވިޖޭ ނިންމާފައިވަނީ ވިޖޭގެ ސަޕޯޓަރުންގެތެރެއިން ހޮވާލެވޭ ސަތޭކަ ފަރާތަކަށް އެއްލައްކަ އިންޑިއާ ރުޕީސް ފައިސާގެ އެހީގެގޮތުގައި ދިނުމަށެވެ. އަދި މިފައިސާ ދޭން ނިންމާ ސަތޭކަ އާއިލާއަށްވެސް ފައިސާ ދޭން ނިންމާފައިވަނީ ވިޖޭގެ އަމިއްލަ ޖީބުންނެވެ. ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވިޖޭ މިކަން އިއުލާނުކޮށްފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ވިޖޭ ނިންމާފައިވަނީ ކުރިޔަށްއޮތް 10 ދުވަހުގެތެރޭ އެ އާއިލާތަކަށް ފައިސާ ރައްދުކޮށް ނިންމުމަށެވެ. އެކްޓަރަށް ލިބިފައިވާ އުފަލުގައި ސަޕޯޓަރުން ބައިވެރިނުކުރެވޭކަމަށްވާނަމަ ފިލްމަށް އާމްދަނީގެގޮތުން ލިބޭ ކާމިޔާބީއަކީ ބޭކާރުއެއްޗެއްގެގޮތުގައި ދެކޭކަމަށް އެކްޓަރުވަނީ ބުނެފައެވެ.
އާއްމުންގެތެރެއިން ހޮވާލެވޭ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކުން އެފަރާތްތައް ސަލާމަތްކޮށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނެކަމަށް އުއްމީދުކުރާކަމަށް ވިޖޭވަނީ މި ޕްރޮމޯޝަނަލް އިވެންޓުގައި ބުނެފައެވެ.
ފިލްމު "ޚުޝީ"އަކީ 50 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ފިލްމު ރިލީޒްކުރިތާ އެންމެ ތިން ދުވަހުން އެކަނި ފިލްމަށްވަނީ 70ކްރޯޑް ރުޕީސްގެ އާމްދަނީ ލިބިފައެވެ. އެހެންކަމުން ކުރިޔަށްއޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި މިއަށްވުރެ ރަގަޅުވާނެކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.