06 Sep 2023, 08:39
މިދިޔަ މަހުގެ 11ގައި ރިލީޒްކޮށް ވިޔަފާރީގެގޮތުން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފިލްމު "ގަދަރު2"އަށްފަހު ފިލްމުގެ ތިންވަނަ ބައެއް އުފައްދަން ނުނިންމާކަމަށް ޑައިރެކްޓަރު އަނިލް ޝަރުމާ ބުނެފިއެވެ.
ފިލްމު "ގަދަރު2"ގެ ކާމިޔާބީއާއެކު ބެލުންތެރިންގެ ފަރާތުންވެސް ފިލްމުގެ ތިންވަނަ ބައެއް އުފައްދަން ޕްރެޝަރުކުރާކަމަށް ބުނަމުން އަނިލް ޝަރުމާ ބުނީ ތިންވަނަ ބައެއް ގެނެސްދެވޭނީ އެކަށީގެންވާ ސްކްރިޕްޓެއް ފިލްމަށް ތައްޔާރުވުމުންކަމަށެވެ. އަދި އެކަމަށް ވަރަށް ވަގުތު ބޭނުންވާނެކަމަށް ތަޖުރިބާކާރު ޑައިރެކްޓަރުވަނީ ބުނެފައެވެ.
މިފިލްމުގެ ތިންވަނަ ބައެއް ވަރަށް އަވަހަށް އުފަންވާނެކަމަށް ބައެއް ސަޕޯޓަރުންގެ އިތުރުން ރިޕޯޓަރުން ބުނެފައިވާއިރު ފިލްމުގެ ލީޑް އެކްޓަރު ސަނީ ޑިއޯލްވެސް ކުރީގެ ފިލްމުތަކުގެ ސީކުއަލްތަކެއް އުފައްދާ ޚަބަރުވެސްވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް ސަނީ ޑިއޯލް ބުނެފައިވަނީ ކުރީގެ އެއްވެސް ފިލްމެއްގެ ސީކުއަލްއެއް ކުޅެން އެއްވެސް ޕްރޮޑިއުސަރަކު އަދި ހުށަހަޅާފައި ނުވާކަމަށާއި މިދުވަސްވަރު ހުރިހާ ސަމާލުކަމެއްވެސް ހުރީ "ގަދަރު2"ގެ ކާމީޔާބީއަށްކަމަށެވެ.
ފިލްމު "ގަދަރު2"އަކީ 60 ކްރޯޑް ރުޕީސްއިން އުފެއްދި ފިލްމެކެވެ. ފިލްމު ސިނަމާތަކުން އަދި ނުނަގާއިރު މިހާތަނަށް މިފިލްމަށްވަނީ 659.68 ކްރޯޑް ރުޕީސް ލިބިފައެވެ. މި ޢަދަދާއެކު ފިލްމުވެފައިވަނީ މިއަހަރު ރިލީޒްކުރި ފިލްމުތަކުގެތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ.
މިއަހަރުގެ ޖަނަވަރީ މަހު ރިލީޒްވި ފިލްމު "ޕަތާން"ވެފައިވަނީ މިއަހަރު އަދި މިހާތަނަށް ހިންދީ ފިލްމަކަށް އެންމެބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
އަމީޝާ ޕަޓޭލް މުހިއްމު ރޯލްއިން ފެންނަ މިފިލްމުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ވިޔަފާރީގެގޮތުން ކުރި ހޯދާނެކަމާމެދު ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ. ސަބަބަކީ މިމަހުގެ ހަތްވަނަ ދުވަހު ސިނަމާތަކަށް ގެންނަ ޝާހްރުކް ޚާންގެ އެކްޝަން ތުރިލަ ފިލްމު "ޖަވާން"އަށްފަހު "ގަދަރު2"އަށް ވާނެގޮތެއް ނޭނގޭތީއެވެ.
ޝާހުގެ ފިލްމު "ޖަވާން"އަށް ފުރަތަމަ ދުވަހު އެކަނިވެސް 60ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެކަމަށް ފިލްމު އެނަލިސްޓުންވަނީ ބުނެފައެވެ.