މިމަހުގެ 21ގައި ނެޓްފްލިކްސްގައި ސްޓްރީމްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ޖާނެ ޖާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މިފިލްމަކީ، ކަރީނާ ކަޕޫރު ޚާންގެ ފިލްމެއް ސިނަމާގައި ރިލީޒްނުކޮށް ސްޓްރީމިންގް ޕްލެޓްފޯމެއްގައި ޕްރިމިއާކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރި އިވެންޓުގައި ބަތަލާ ކަރީނާއާއި ފިލްމުގެ ލީޑް ރޯލްއިން ފެންނަ ވިޖޭ ވަރުމާ އާއި ޖައިދީޕްވަނީ ފިލްމުގެ މަސައްކަތްކުރިޔަށްދިޔަ ދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ.

ފިލްމުގެ ސެޓަށް ދިޔުމުގެކުރިން ކަރީނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންވަނީ ބަތަލާއަށް ވަރަށް ރަނގަޅަށް ނަސޭހަތްތެރިވެފައިކަމަށް ކަރީނާވަނީ ބުނެފައެވެ. ކަރީނާއަކީ ފިލްމީ ދާއިރާގެ ތަޖުރިބާހުރި ބަތަލާއަކަށްވީ ނަމަވެސް އެކްޓަރު ޖައިދީޕްއާއި ވިޖޭ ވަރުމާއަކީވެސް ފިލްމީ ދާއިރާގެ ހުނަރުހުރި އެކްޓަރުންގެތެރޭ ގުނާލެވޭ ފިލްމީ ތަރިންކަމަށް ސައިފް ބުނިކަމަށްވެއެވެ. އަދި ކަރީނާވެސް އެ ދެތަރިންނެކޭ އެއްގޮތަށް ވަރަށްބޮޑަށް ފިލްމުގައި މަސައްކަތްކުރުމަށް ސައިފް ނަސޭހަތްތެރިވިކަމަށް ބަތަލާވަނީ ބުނެފައެވެ.

ކަރީނާ ބުނެފައިވަނީ އެކްޓަރު ޖައިދީޕްއަކީ ދޭންޖެހޭ ޝޮޓްތަކަށް ވަރަށް ސީރިއަސްކަމާއެކު ސަމާލުކަންދޭ އެކްޓަރެއްކަމަށް ފާހަގަކުރެވުނުކަމަށެވެ. އެއާ ޚިލާފަށް ވިޖޭއާއި ކަރީނާގެ މިޒާޖު ދާދި އެއްގޮތްކަން ފާހަގަކުރެވުނުކަމަށާއި މިފިލްމުގެ މަސައްކަތް ކުރިޔަށް ދިޔައީ ވަރަށް އެކުވެރި މަޖާ މާޙައުލެއްގައިކަމަށް ބަތަލާވަނީ ބުނެފައެވެ.

ޓްރެއިލާ އިވެންޓުގައި ވިޖޭ ބުނެފައިވަނީ ހުރިހާ ޝުކުރެއް އަދާކުރަން ބޭނުންވަނީ ސައިފްއަށް ކަމަށާއި ސައިފް ކުރިން ނުބުނިނަމަ ވިޖޭއަކީ ކާކުކަން ކަރީނާއަށް ނޭނގުނީސް ކަމަށެވެ.

ޖަޕާނުގެ މަޝްހޫރު ވާހަކަ 'ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް'ގެ ނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިފިލްމުގެ ކާސްޓުންގެގޮތުގައި އެންމެ ފުރަތަމަ ހޮވާފައިވަނީ ބަތަލާ އައިޝްވާރްޔާ ރާއީއާއި ސައިފް ޢަލީ ޚާންކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. އެހެންނަމަވެސް ފިލްމުގެ ހުރިހާ ނިންމުމެއް ނިންމާލިއިރު ފިލްމުގެ ކާސްޓުންގެގޮތުގައި ހަމަޖެހުނީ ކަރީނާ ކަޕޫރުއާއެކު ވިޖޭއަދި ޖައިދީޕްއެވެ. މިފިލްމަކީ، މަޝްހޫރު ފިލްމު "ކަހާނީ" ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ފިލްމެކެވެ.