05 Sep 2023, 19:41
ޕާކިން ޖޫރިމަނާތަކުގެ ތެރެއިން މިހާތަނަށް ދައުލަތަށް ނުލިބިވާ ހުރިހާ ފައިސާއެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މާފުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަަދު ވިދާޅުވީ އެގޮތަށް ރައީސް ނިންމެވީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން، މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަނެތި، ސްޓިކާ ޖަހަމުން ދިޔުމުގެ ސަބަބުން ޖޫރިމަނާ އިތުރުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަމުންދާކަށް ރައީސަށާއި، ސަރުކާރަށް ވެސް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ކޮވިޑާ ގުޅިގެން މާލީގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު، އެ ޖޫރިމަނާތަކަށް ފައިސާ ނުދެއްކި އިތުރުވަމުން ދާތީ ރައްޔިތުންނަށް ލުއި ގޮތެއް ހަމަޖައްސަވައިދިނުމަަށް ނިންމެވީ ކަމަށެވެ.
މިއުވާން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނު ތެރޭގައި ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކުރާ ޖޫރިމަނާތައް ނުދެއްކިފައި ޒުވާނުން ތިބިކަމަށް ރައީސް ވިދާޅުވިކަން ވެސް ފާހަގަކުރައްވާފައެވެ.
އެގޮތުން، ޕާކިން ޖޫރިމަނާ ފިޔަވާ، އެހެނިހެން ޓްރެފިކް ޖޫރިމަނާތައް ދެއްކުން ލުއިކުރުމުގެ ގޮތުން، ބައެއް ހާލަތްތަކުގައި ތަމްރީނެއް ފުރިހަމަކޮށްގެން ޖޫރިމަނާ މާފުވާނެ ގޮތް ސަރުކާރުން ކަނޑައަޅުއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޞާލިހުގެ ސަރުކާރު ފެށުނު އިރުވެސް ވަނީ ހުރިހާ ޕާކިން ޖޫރިމަނާ ތަކެއް މާފުކޮށްދީފައެވެ. ޕާކު ކުރާނެ ތަނެއް ނުދައްކާ، ޖޫރިމަނާ ނުކުރާނެ ކަމަށް ރައީސްގެ ފުރަތަމަ ދައުރުގެ ރިޔާސީ ކެންޕޭނުގެ ވައުދެކެވެ.