އެ ދެ ޓީމުގެ ޕްރެކްޓިސް ނިންމާފައި ދެން ފެނުނީ ތަފާތު މަންޒަރެކެވެ. އިހުސާން އަބުދުލްގަނީ (ސާންތީ) އިނީ އޭނާގެ ރަހުމަތްތެރިޔާ މުހައްމަދު ޝިޔާޒު (މޯހަން)ގެ ސައިކަލް ފަހަތުގަ އެވެ. ދެމީހުން އެކުގަައި ދުއްވާފައި ދިޔައީ ހެންވޭރުކޮޅަށް ހަވީރު ސަޔަށް އިންސާފުކުރާށެވެ. މިއީ މިދެމީހުންގެ ރަހުމަތްތެރިކަން ދައްކުވައިދޭ ކަމެކެވެ. ދެ ޓީމެއްގެ ކޯޗުން މިގޮތަށް ފެނުމަމީ ވަރަށް ދުރުކަމެކެވެ.

ހަގީގަތުގައި ވެސް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ސާންތީ އާއި މޯހަން އަކީ ވަރަށް ގާތް ދެ މީހުންނެވެ. އެކުގައި އެފްއޭއެމުގައި މަސައްކަތްކުރުމުގެ އިތުރަށް މި ދެ ކޯޗުންނަކީ ގައުމީ ޓީމުގައި ވެސް އެކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ ނުހަނު އެކުވެރި ދެ ކޯޗުންނެވެ.

ކުލަބު ފުޓްބޯޅައާ އަމަލީގޮތުން ދުރުގައި ތިބެ، ގައުމީ ޓީމުގައި ހަރަކާތްތެރިވާތީވެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން މި ދެ ކޯޗުންނަށް ކުރިން އަމާޒުވި އެވެ. ނަމަވެސް މިހާރު މޯހަން އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓްގެ ކޯޗެވެ. ސާންތީ އަކީ އަރަމުން އަންނަ އީގަލްސްގެ ކޯޗެވެ. މި ދެ ކޯޗުން އެކަކު އަނެކަކާ ދެކޮޅަށް މާދަމާ ނުކުންނަ، ނުކުތުމަކީ ހަގީގަތުގައި ވެސް، ޝަައުގުވެރިކުރުވަނިވި ކަމަކަށްވާނެ އެވެ.

ގާތް ދެ ރަހުމަތްތެރިން އެކަކު އަނެކަކާ ދެކޮޅަށް ނުކުންނައިރު މޯހަންގެ ޓީމު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ބައިކޮޅަށް ގޯލަށް ނުވަދެ އަށް ޓީމު ވާދަ ކުރާ ލީގުގެ އެއްވަނާގަ އެވެ. އީގަލްސް އޮތީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. މާދަމާ ބަލިވެއްޖެނަމަ އީގަލްސް ވެސް ޕްރެޝަރަށް ވެއްޓޭއިރު ވިކްޓަރީ ނަގާފައި ނިއު އަށް އެންމެ ވަރުގަދަ ފައިޓެއްދީފާނެ ކަމަށް ބެލެވޭ ޓީމަކީ އީގަލްސް އެވެ. މިހެންވެ މާދަމާގެ މެޗަކީ އެތައް ގޮތަކުން ފޯރިގަދަވާނެ މެޗެކެވެ.