05 Sep 2023, 19:05
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި ސޮއިކޮށް، އިން ކަނޑައި، ގޯތި ދޫކުރަން މިއަދު ފަށައިފިއެވެ.
ގުޅިފަޅުން އެންމެ ފުރަތަމަ ގޯތި ލިބުނު މީހާއާ ގޯތި ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ދެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާނީ އެތަނުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކަމަށެވެ.
"މިއަންނަ އަހަރުތެރޭ އެ މަސައްކަތް ފަށާނެ. މިހާރު ވެސް އަޅުގަނޑުމެން މިދަނީ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އަމަލީ މަސައްކަތް އަންނަ ޖަނަވަރީގައި ފެށޭނެކަމަށް އެންމެ ލަސްވެގެން،" އަކްރަމް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ، މަސައްކަތް ކުރަނީ ގުޅިފަޅުން ގޯތި ލިބުނު މީހުނަށް ވެސް ވީ އެންމެ އަވަހަކަށް ގޯތި ހަވާލުކުރުމަށް ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ގޯތި ކަނޑަށް ފެށީ، ގުޅިފަޅުގެ ހިއްކާފައިވާ ބިމާ ގުޅުވައިގެން އެންމެ ފުރަތަމަ ހިއްކި ބިމުން ކަމަށެވެ.
"ގާތްގަނޑަކަށް 450 ގޯތި މިބައިގެ ތެރޭގަ ހިމެނޭނެ. އެޔަށްފަހު ދެން އަރާނީ ފަހުން ހިއްކި ބައިގެ ތެރެއަށް،" އާރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުޅިފަޅުން ގޯތި ހަވާލުކޮށް ނިމޭނެކަމަށް ބެލެވެނީ ނޮވެމްބަރު މަސް ފެށޭ ހިސާބު ނުވަތަ އޭގެ ކުރިން ކަމަށެވެ.
ގުޅިފަޅުން އެންމެ ފުރަތަމަ ގޯތި ލިބުނު އަހުމަދު ޝާކިރު ވަނީ ގޯތި ލިބުމުން ކުރެވޭ އިހުސާސްތައް މީޑިއާއާ ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ބުނީ އޭނާގެ ބައްޕަގެ 10 ކުދިން ތިބޭކަމަށެވެ. އަދި އަމިއްލަ ގޯއްޗެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ގުޅިފަޅުން ގޯތި ލިބުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްލޭނިންގެ މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މާލޭ ސަރަހައްދުން ގޯތި ލިބުނު އެންމެނަށް ގޯތި ހަވާލުކުރާނެ ކަމަށެވެ.