ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު މޮޑެލް ކައިޒީން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ކައިޒީން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ހަވާލުކޮށްފައި ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެވެ.

ކައިޒީން "ސަން"އަށް ބުނީ ރާއްޖެއަކީ 'އުފާވެރި، އަމާން' ގައުމަކަށް ހެދެން އޮތީ ރައީސަށް ކަމަށެވެ.

"ކައިއަށް ފެންނަ ގޮތުގައި އިބޫ އަކީ ރާއްޖެއަށް އެންމެ ބެސްޓް އެންމެ ސަޅި ކެންޑިޑޭޓް. ކައި ބޭނުންވަނީ އުފާވެރި އަމާންރާއްޖެއެއްގައި ދިރިއުޅެން. އެކަން ކުރެވޭނީ އިބޫއަށް،" ކައިޒީން ބުންޏެވެ.

މީގެ ކުރިން 2021ގައި ޓީވީއެމްއަށް ދިން އިންޓަވިއުއެއްގައި ކައިޒީން ވަނީ މޮޑެލް ކުރުމުން ދުރަށް ޖެހި، ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް، މުނިފުހީފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަރިންތަކެއް ރައީސަށް ތާއިދު އޮތްކަން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން މަރިޔަމް އައްޒަ، އާމިނަތު ރަޝްފާ (އާޝާ)، މުޙައްމަދު ވިޝާލް (ރޯމަން)، ޝީލާ ނަޖީބު އަދި ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހިމެނެއެވެ.