10 May 2012, 13:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2011 ވަނަ އަހަރު ފެށި ވެށިފަހިމާލެ ޕްރޮގްރާމްގެ ކެޓަގަރީ "އޭ" އިން ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް މިއަދު އިއުލާންކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލެ އިން 250 ގޯތި ހޯދުމަށް ކެޓަގަރީ އޭއިން 770 ފަރާތުން ފޯމް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް ޝަރުތު ހަމަވެފައި ވަނީ 393 ފަރާތެއް ކަމަށެވެ. އަދި މާލެ އިން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައި ވަނީ 339 މީހަކު ކަމަށާއި އޭގެތެރެއިން ޝަރުތު ހަމަވެފައި ވަނީ 167 މީހެއް ކަމަށެވެ. އަދި ހުޅުމާލޭން ފްލެޓަށް އެދި ހުށައަޅާފައި ވަނީ 77 ފަރާތަކުން ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 27 ފަރާތެއް ކަމަށެވެ.
ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށް، އެކަމާ ބެހޭ މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ހައުސިން މިނިސްޓަރުގެ ނައިބު އަބުދުﷲ މުއްތޮލިބު ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ރަމްޒީ ލިއުން ކުރީގެ ސަރުކާރުން ބޭއްވި އެކިއެކި ރަސްމިއްޔާތުތަކުގައި ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކަކީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ކޮށްފައިވާ ލިސްޓްގައި ނުހިމެނޭ ފަރާތްތައް ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި 11 ފަރާތަކަށް ރަމްޒީ ލިއުން ހަވާލުކުރި ކަމަށާއި އަދި އެ އަހަރުގެ އޮގަސްޓް 22ގައި ބޭއްވި ރަސްމިއްޔާތެއްގައި ގޯތި ލިބޭނެ ކަމުގެ ރަމްޒީ ލިއުން 93 ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރު 20 ވަނަ ދުވަހު ހިރިޔާސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭން ގޯތި ލިބޭނެ ކަމުގެ ރަމްޒީ ލިއުން ދީފައިވާ ފަރާތްތަކުގެ ތެރެއިން 41 ފަރާތަކާ އެކު އެގްރިމެންޓްގައި ސޮއިކޮށް ރަމްޒީ ލިއުން އިތުރު ފަސް ފަރާތަކާ ހަވާލުކުރި ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.
އަދި ހުޅުމާލެ އިން ގޯތިލިބޭ ކަމުގެ ރަމްޒީ ލިއުން ދީފައިވާ 115 ފަރާތުގެ ތެރެއިން 37 ފަރާތެއް ގޯތިލިބޭ މީހުންގެ ލިސްޓްގައި ނުހިމެނޭ ކަމަށާއި އެގްރިމެންޓްގައި ސޮއިކޮށްފައިވާ 41 ފަރާތުގެ ތެރެއިން 14 ފަރާތެއް ވެސް އެލިސްޓްގައި ނުހިމެނޭ ކަމަށެވެ.
މުއްތޮލިބު ވިދާޅުވީ ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް އިއުލާންކޮށްފައި މިވަނީ ފޯމްތައް އަލުން ބަލައި ޝަރުތު ހަމަވާ ކަމަށް ލިސްޓްކޮށްފައިވާ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ ރަނގަޅަށްތޯ އަދި ޝަރުތު ހަމަނުވާ ކަމަށް ލިސްޓްކޮށްފައިވާ ފަރާތްތައް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނީ ރަނގަޅަށްތޯ ބަލާފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މިއަދު އިއުލާން ކުރި ފަރާތްތަކާ އެކު އެގްރިމެންޓްގައި ސޮއިކުރާނީ ދޫކޮށްލަން އެއްބަސްވެފައިވާ ބިމަކީ އިންވަކިކޮށް ސަރުކާރަށް ބޭނުންކުރެވޭ ގޮތަށް އޮތް ބިމެއްތޯ އާއި އެ ބިމަކީ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ. އަދި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު ސައްހަ ނޫންކަން ފަހުން ސާބިތުވި ނަމަވެސް ގޯތި ނުވަތަ ފްލެޓް އެމީހެއްގެ އަތުން ވަކިކުރާނެ ކަމަށެވެ.
އަދި ގޯތި ލިބޭ ފަރާތުގެ ބިމެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަން ވެސް ކަށަވަރުކުރާނެ ކަމަށާއި އެއްމެދު ރަޖިސްޓްރީގައިވާ ތަނެއް ނަމަ ދޫކޮށްލަން ހަމަޖެހިފައިވާ ބިންކޮޅަކީ ކޮބައިކަން އެނގޭ ގޮތަށް ކައުންސިލުން ދީފައިވާ ލިއުން ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލިސްޓްގައި ނުހިމެނޭ ފަރާތްތަކަށް ވެސް ހުޅުމާލެއިން ފްލެޓް ދޭން ހަމަޖެހިފައިވާ ކަމަށާއި އެއީ އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
ފޯމް ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ކުރިން ރަމްޒީ ލިއުން ދޫކުރުމާއި އެގްރިމެންޓް ކުރުން ކުރީގެ ސަރުކާރުން ކުރިއަށް ގެންގޮސްފައި ވަނީ ހަމައެކަނި ރަސްމިއްޔާތެއް ބޭއްވުމަށް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"ކުރީ ސަރުކާރުން އެވަނީ ވަކިވަކި ދުވަސްތަކާ ގުޅުވައިގެން އެކަން ކުރައްވާފައި، ހަމަ އެކަނި ރަސްމިއްޔާތެއް ބޭވުމަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. މިސާލަކަށް 20 ޑިސެމްބަރުގައި ބޭއްވި ރަސްމިއްޔާތު އަޅުގަނޑަށް ބެލެވެނީ 23 ޑިސެމްބަރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މަހާސިންތާ އަށް ސިޔާސީ ގޮތުން އަސަރެއް ކުރުވުމުގެ ގޮތުން ކަމަށް އަޅުގަނޑަށް ބެލެވެނީ، " މުއިއްޒު ވިދާޅުވި އެވެ.