05 Sep 2023, 14:14
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ރަސްމީކޮށް މިއަދު ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ތައާރަފް ކުރެވުނު ބޮޑީ ވޯން ކެމެރާ ތަކުގެ ސަބަބުން މަސައްކަތް ކުރާ އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުވެ، ގައިދީން ބެލުމުގައި ދިމާވާ ވަރަށް ގިނަ މައްސަލަ ތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ގައިދީން ބެލެހެއްޓުމުގައި އަމަލީ ގޮތުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ އޮފިސަރުން، ރަސްމީ ގަޑިތަކުގައި ގައިދީންނާ މުއާމަލާތްކުރަން ޖެހޭ ކޮންމެ ވަގުތެއްގައި ވެސް އެ ކެމެރާ ބޭނުން ކުރާނެކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.
މީގެ އިތުރަށް ކަރެކްޝަނަލް ސާވިސް އިން ބުނީ ބައެއް މައްސަލަތަކަށް ބޭނުންވާ ހެއްކާއި އިތުރު މައުލޫމާތު ހޯދުމަށް މިކަމުގެ ސަބަބުން އެތައް ގުނައެއް ފަސޭހަވެގެން ދާނެ ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން ގައިދީންގެ އުޅުމާއި އަޚްލާގު ދެނެގަނެވި ޖަލުގައި ހިނގާ ހާދިސާ ތަކުގެ އަސްލަށް ވާސިލު ވުމަށް ބޭނުންވާނެ ހެއްކާއި ގަރީނާ ލިބިގެން ދިޔުމާއި، ރިހެބިލިޓޭޝަންއަށް ބޭނުންވާނެ މައުލޫމާތުތަކާއި، އިންޓެލިޖެންސްއަށް ބޭނުންވާނެ މައުލޫމާތުތައް އެއްކުރެވޭނޭ ނިޒާމެއް ގާއިމުކުރެވިގެން ދާނެ،" ކަރެކްޝަންސްއިން ބުނެފައިވެއެވެ.
މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ، ޖަލުގައި ތިބޭ ގައިދީން ބެލެހެއްޓުމުގައި އެތަނުގެ އޮފިޝަލުން އިތުރަށް ޒިންމާދާރުކުރުވާ، ޖަލުގެ ހާލަތްތައް ދެނެގަނެ، ޖަލުގައި ހިނގާ ހާދިސާ ތަކާ ގުޅިގެން ބޮޑީ ކެމެރާ މެދުވެރިކޮށް ނެގޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޖަލު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުވުމެވެ.
ކުރިއަށް އޮތް ތަނުގައި ބޮޑީ ވޯން ކެމެރާގެ އަލީގައި އެއްކުރެވޭ މައުލޫމާތުން އަދި ޖަލުތަކުގަ ހިނގާ އެކި އޮޕަރޭޝަންތަކާ ހައި ސެކިއުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު، ލައިވް ސްޓްރީމް ކުރުމުގެ ގާބިލުކަން ލިބިގެންދާނެކަމަށްވެސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެއެވެ.
ބޮޑީ ވޯން ކެމެރާއިން އެއްކުރެވޭ މަންޒަރުތަކާއި އަޑުތަކަކީ އެއަށް އުނި އިތުރު ނުގެނެވޭނެ ގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓިގެން ދާނެ އެއްޗެއް ކަމުގައިވެސް ކަރެކްޝަންސްއިން ފާހަގަކޮށްފައިވެއެވެ.
ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމުގެ މަސައްކަތް ފެށިގެންދާއިރު ފުރަތަމަ މި ޚިދުމަތް ފެށެނީ 51 ކެމެރާއާ އެކުއެވެ. އެހެންނަމަވެސް މި އަދަދު އިތުރުކުރެވި، ގައިދީންނާ މުއާމަލާތް ކުރަންޖެހޭ ކޮންމެ އޮފިސަރަކަށްވެސް މި ކެމެރާ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.
މީގެ އިތުރަށް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ބޭނުންކުރަން ފެށުމުގެ ކުރިން އެ ސާވިސްއިން ވަނީ ބޮޑީ ވޯން ކެމެރާގެ މައިގަނޑު އުސޫލުތަކެއް ކަނޑައަޅާ އެ އުސޫލުތަކުގެ މައްޗަށް އޮފިސަރުން ތަމްރީނު ކޮށްފައި ކަމަށެވެ.
މިއަދު ކަރެކްޝަނަލް ސާވިސްއިން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވާއިރު ފުލުހުން ވެސް ވަނީ މިދިޔަ އަހަރު މި ކެމެރާ ބޭނުން ކުރަން ފަށާފައެވެ.