(އއ. މަތިވެރިން، ޢާލިމް އަބްދުއްލަތީފް)

އއ. މަތިވެރިއަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަތިވެރިއަށް ވަޑައިގަތް ވަގުތު އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.

މި ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރެއްވުމަށްފަހު ޖަގަހައަށް ވަޑައިގެންނެވި މަގުމަތީގައި ހުރި ކެފޭއެއް ކައިރީގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ތިއްބެވެ. އެ ތަނުގައި މުއިއްޒާ ސަލާންކުރަން ސަފަށް އަރައި ވެސް އެމްޑީޕީގެ އެކްޓިވިސްޓަކު ހުރި ކަމަށް ވެއެވެ.

އެ ވަގުތު އެމްޑީޕީގެ އެކްޓިވިސްޓު، ޕީޕީއެމްގެ ސަޕޯޓަރެއް މުއިއްޒާ ދިމާލަށް ކޮއްޕައިލި ކަމަށާއި އެ ހިސާބުން ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

އެ ވަގުތު އެ ތަނުގައި ތިބި ފުލުހުން ވަނީ އެމްޑީޕީގެ އެކްޓިވިސްޓު ހިފަހައްޓައިފައެވެ.

ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އެމްޑީޕީގެ އެކްޓިވިސްޓުން އުޅުނީ މުއިއްޒާ ދިމާއަށް އައިސް އޭނާއަށް ގެއްލުންދޭށެވެ. ނަމަވެސް، ފެންނަ މަންޒަރުތަކަށް ބަލާއިރު ހަމަނުޖެހުން ހިނގައިފައިވަނީ ދެ ޕާޓީގެ ސަޕޯޓަރުންގެ ދެމެދުގައެވެ.

މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި މުއިއްޒަށް ވެސް އަނިޔާވެފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަތީވެރީގައި ދެ މީހެއްގެ މެދުގައި ބޭއަދަބީ އަތުގެ އިޝާރާތްތަކެއްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މައުލޫމާތު ސާފުކުރުމަށް ފަހު މީހާ މިހާރު ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން، އެ ހަމަނުޖެހުމުގައި މުއިއްޒަށް ހަމަލާދޭން އުޅެފައިވާކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.