10 May 2012, 13:08
ޏ. ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ވެސް ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދޫޑިގަމު ސަރަހައްދުން ރޭގެ މާރާމާރީގައި ބޮލަށް ވަޅިޖަހައި ޒަޚަމްކޮށްލާފައި ވަނީ 18 އަހަރުގެ ޒުވާނެކެވެ.
އަދި އެ ހާދިސާ ހިނގި ތަނަށް ދިޔުމަށް އެ ރަށު ގާޒީމަގުން ސައިރަންގައި ދަތުރުކުރި ޕޮލިސް ޖިޕް ކޮންޓްރޯލުން ނައްޓައިގެން ގޮސް ވަނީ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ވެސް އަނިޔާވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް އެއްވި ބައެއް މީހުން ވަނީ ފުލުހުންނަށާއި ފުލުހުންގެ ޖިޕަށް ހަމަލަދީ ނުރުހުން ފާޅުކޮށްފަ އެވެ.
ފުލުހުންގެ ޖިޕްގޮސް އެކްސިޑެންޓްވީ އެމްޑީޕީގެ ހަރާކާތެއް ހިންގަމުން ދިޔަ ސަރަހައްދަކަށެވެ.