05 Sep 2023, 08:58
ގިނަ އެކްޓަރުން، ޕްރޮޑިއުސަރު އަނޫރާގު ކަޝްޔަޕްއާއެކު މަސައްކަތްކުރަން ބޭނުންވި ނަމަވެސް އެކްޓަރުންގެ ޝަރުތުތަކެއް ހުރުމުން އެކަމަށް ހުރަސްއެޅޭކަމަށް އަނޫރާގު ބުނެފިއެވެ.
މަޝްހޫރު ފިލްމުތައްކަމަށްވާ "ބްލެކް ފްރައިޑޭ"، "ދޭވް ޑީ" އަދި "ގޭންގްސް އޮފް ވަސޭޕޫރު"ފަދަ ފިލްމުތައް ގެނެސްދީފައިވާ ޕްރޮޑިއުސަރު ބުނީ އެކްޓަރުން ބޭނުންވަނީ އެފަދަ ފިލްމުތައް އަލުން އުފެއްދުމަށްކަމަށެވެ. އަދި އަނޫރާގްއާއެކު މަސައްކަތްކުރެވޭނީ ފިލްމު "މަން މަރުޒިޔާން"ފަދަ ކާމިޔާބު ފިލްމުތަކާ އެއްގޮތް ފިލްމު އުފައްދާނަމަކަމަށްބުނެ އެކްޓަރުން ޝަރުތުކުރާ ކަމަށް ވެސް އަނޫރާގުވަނީ ބުނެފައެވެ.
ބައެއް ފިލްމީ ތަރިން އަނޫރާގްއާ ބައްދަލުކުރަން އަންނައިރު އަމިއްލަ ޚިޔާލީ ވާހަކަތަކާއެކު މަޝްވަރާކުރާކަމަށާއި އެއްވެސް ފަރާތަކުން އަނޫރާގު ހުށަހަޅަން ބޭނުންވާ ފިލްމަކަށް މާބޮޑު ޝައުގުވެރިކަމެއް ނުދޭކަމަށްވެސް މީޑިއާއަށް މައުލޫމާތު ދެމުން އަނޫރާގުވަނީ ބުނެފައެވެ. އާ ވާހަކައެއްގެ މައްޗަށް ބިނާކުރާ ފިލްމަކަށްވުރެ ބޮޑަށް ގިނަ އެކްޓަރުން ބޭނުންވަނީ މާޒީގައިވެސް ކިޔައިދީފައިހުރި ވާހަކަތައް ތަކުރާރުކުރުމަށްކަމަށް ބުނެ އަނޫރާގުވަނީ ބައެއް އެކްޓަރުންނަށް ފާޑުކިޔާފައެވެ.
އެހެންނަމަވެސް ކުރިން ކިޔައިދެވިފައިހުރި އެއްވެސް ވާހަކައެއް ތަކުރާކޮށް އަނެއްކާ ސްކްރީނަށް ގެނައުމުގެ ޝައުގުވެރިކަން އަނޫރާގުގެ ޚިޔާލުގަ ނެތްކަމަށް އޭނާވަނީ ބުނެފައެވެ.
ޕްރޮޑިއުސަރު އަނޫރާގު އެންމެ ފަހުން އުފެއްދި ފިލްމު "ކެނެޑީ"ވަނީ މިދިޔަ މަހު ކުރިޔަށްދިޔަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބޯންގައި ޕްރިމިއާކޮށްފައެވެ. ރާހުލް ބަޓް އަދި ބަތަލާ ސަނީ ލިއޯން މުހިއްމުތައް ރޯލް ކުޅެފައިވާ މިފިލްމު ސިނަމާތަކުގައި އަޅުވާނެ ދުވަހެއް އަދި އިއުލާނުނުކުރެއެވެ.
ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރުމުގެ އިތުރުން އަނޫރާގްއަކީ ބައެއް ފިލްމުތަކުގައި އެކްޓްކޮށްފައިވާ ފަރާތެއްވެސްމެއެވެ. އަނޫރާގް އެންމެ އަވަހަކަށް ފިލްމަކުން ފެންނާނީ މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ހައްޑީ" އަދި "ލިއޯ"އިންނެވެ.