ނުޙައްގުން އެއްވެސް ފައިދާއެއްް ލިބިގަތުމަށްޓަކައި އެެއްވެސް ކަމެއް ކޮށްދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އަރިހުގައި އެދިވަޑައިނުގަންނަވާނެ ކަމަށް ރައީސްގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ކުޅުދުއްފުށީ ސިޓީގައި އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ކޯލިޝަން ހެދުމުގެ ފަހަތުގައި ރަައްޔިތުންނަށް އުފާވެރިކަން ހޯދައިދިނުން ނޫން އެހެން އެއްވެސް ބޭނުމެއް ނެތްކަމަށެވެ.

"އަޅުގަނޑެއް ނާހާނަން އަޅުގަނޑު ރިސޯޓެއް ހަދާކަށެއް ރައީސުލްޖުމްހޫރިއްޔާ ކައިރި ރަށް ދޭށެކޭއެއް. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރި އަޅުގަނޑަށް ލެގޫނެއް ދޭށެކޭއެއް. އަޅުގަނޑެއް ނާހަނަން ރައީސުލްޖުމްހޫރިއްޔާ ކައިރިއަކު އަޅުގަނޑަށް ނުހައްގުން މިވެނިކަމެއް ކޮށްދޭށެކޭއެއް،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއް ކޮށްދޭންވާނީ އާންމު ރައްޔިތުންނަށް އެ ޚިދުމަތްތައް ލިބޭ އުސޫލުން އާންމު މިންގަނޑުގެ ތެރެއިންކަމަށެވެ.

ކުޅުދުއްފުށީ ޖަލްސާ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނަކީ ފުދިފައި ހުންނެވި ބޭފުޅެއްކަމަށާއި ބޭނުންވާ ކަންކަން ﷲ ދެއްވައިފައިވާކަމަށް ސިޔާމް ވިދާޅުވިއެވެ.

"މާތްﷲ ސުބްހާނަހޫ ވަތައާލާ އެންމެންގެ ހިތްތައް މޮޅަށް ދެނެވޮޑިގެންވޭ. ކާމިޔާބު ލިބިގެންދާނީ އެ މީހާގެ ހިތުގައި އެންމެ ތެދުވެރިކަމާއި އަމާނާތްތެެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްދޭ ބަަޔަކަށް،" ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސަކީ ދުރޫސުލް އަޚްލާގުގެ އެންމެ މަތީގައި ހުންނެވި ބޭފުޅެއްކަމަށެވެ.

އެގޮތުން ރައީސަަކީ ކޯފާ އިސްނުކުރައްވައި ހަޑިހުތުރު ބަހުރުވައިިން މުއާމަލާތް ނުކުރައްވާ ބޭފުޅެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވެރިކަމަށް ކުރިމަތިލާ ކެންޑިޑޭޓުން ފާސްވުމުގައި އެންމެ ފުރަތަމަ ކަމަކަށް މުހިންމުވަނީ އަޚްލާގު ރަނގަޅުވުންކަމަށެވެ.

އެއީ ހަމައެކަނި ވެރިކަމަށް ކުރިމަތިލާ މީހަކަށް މުހިންމު ސިފައެއް ނޫންކަމަށާއި ވިޔަފާރިވެރިއަކަށް ނުވަތަ އެހެން ކޮންމެ މީހަކަށް ވެސް އެ ސިފަތައް މުހިންމު ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑުތިލަދުންމަތީގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރާ ހަނިމާދުއާއި މާފަރު އެއާޕޯޓުގެ މަސައްކަތް ނިމުމުން އެތައް ގުނައެއް މި ސަރަހައްދު ކުރިއަރާނެކަމަށެވެ.

އެގޮތުން ތިން މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެ، މި ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ މި ސަރަހައްދުގައި ރިސޯޓުތައް ތަރައްގީވެ އިންވެސްޓުކުރުން އިތުރުވާނެ ކަމެއް ކަމަށެވެ.

އެހެން މީހަކު ތިލަދުންމައްޗަށް އިންވެސްޓުކޮށްފިނަމަ ހުދު އެ މަނިކުފާނު ވެސް އަމިއްލަފުޅަށް އިންވެސްޓުކުރައްވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.