ހިންދީ ސިނަމާގެ ކާމިޔާބު ބަތަލާ އަދި މި އަހަރު ނެޝަނަލް އެވޯޑް ހާސިލު ކުރި ކްރިތީ ސެނޮނަށް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ވަރަށް ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފިއެވެ.

ފިލްމީ ދާއިރާއަށް ތަޢާރަފުވާ ގިނަ ފިލްމީ ތަރިންނާ ޚިލާފަށް ކްރިތީއަކީ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވުމުން ކްރިތީގެ މައިންބަފައިންގެ ރުހުން ހޯދުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެގޮތުން ކްރިތީގެ މައިންބަފައިންގެ ޝަރުތަކަށްވީ ފިލްމީ ކެރިއަރު ފެށުމުގެ ކުރިން ގްރެޖުއޭޓް މެނޭޖްމެންޓް އެޑްމިޝަން އިމްތިހާނުގައި ބައިވެރިވެ ފާހަގަކުރެވޭ ފަދަ ނަތީޖާއެއް ގެނެސްދިނުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ކްރިތީގެ މައިންބަފައިންނަކީ ތައުލީމީ ބަޔަކަށްވެފައި ފިލްމީ ކެރިއަރު ކާމިޔާބު ނުވެއްޖެނަމަ ދިރިއުޅުމުގައި ދެން ކުރާނެ މަސައްކަތަކަށް ކްރިތީ ތައްޔާރު ކުރުމުގެ ގޮތުން މަންމަމެން ބޭނުންވީ އެ އިމްތިހާނު ހެދުމަށް ކަމަށް ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ ކުރިން ކްރިތީ މޮޑެލިންގް ދާއިރާގައި މަސައްކަތް ކުރި ދުވަސްވަރު ކުރި ތަޖުރިބާއެއް ހިއްސާކުރުމާ އެކު އޭނާގެ މައިންބަފައިން ބޭނުންވީ އެހެން ދާއިރާއަކުން ބަތަލާ ކުރިއަށް ދިއުމަށް ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "މިމީ"އިން ނެޝަނަލް އެވޯޑް ހާސިލުކުރި ބަތަލާ ބުނީ މޮޑެލްކުރި ރޭމްޕް ޝޯވްއެއްގައި އެ ޝޯވްގެ ކޮރިއަގްރާފަރު ވަނީ ގިނަ ބައެއްގެ ކުރިމަތީގައި ކްރިތީއާ ދިމާލަށް ވަރަށް ހުތުރުކޮށް މުޚާތަބުކޮށްފައި ކަމަށެވެ. ކްރިތީއަކީ މިޒާޖުގެ ގޮތުން ވެސް ވަރަށް ޖަޒުބާތީ މީހަކަށް ވުމުން އެ ދުވަހު އެންމެންގެ ކުރިމަތީ ރޮވުނު ކަމަށާއި އޭގެ ފަހުން އެ ކޮރިއަގްރާފަރާ އެކު މަސައްކަތް ވެސް ނުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ހާދިސާގެ ވާހަކަތައް މައިންބަފައިންނާ ހިއްސާކުރުމުން ދިރިއުޅުމުގައި ޕްލޭން ބީއެއް އޮންނަން ޖެހޭ ކަމަށް ބުނެ މައިންބަފައިން އެދުނީ ޖީއެމްޓީ އިމްތިހާނު ފުރިހަމަކުރުމަށް ކަމަށް ބަތަލާވަނީ ބުނެފައެވެ.

ކެރިއަރުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ކްރިތީ ސެނޮން ވެފައިވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް އަދި އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭއެވެ.

ފިލްމީ ތަރިއެއްގެ އިތުރުން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދާ ފިލްމު ޕްރޮޑިއުސް ކުރުމަށް ތައްޔާރުވަމުން އަންނަ ބަތަލާ އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ކުރިއަށް އޮތް އޮކްޓޯބަރިު މަހު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމު "ގަންޕަތު: ޕާޓް1"އިންނެވެ.