10 May 2012, 12:36
ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 13 ދުވަސް ވަންދެން އާރަށުގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައިގައި، ޔާމީނަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނާއިބް އޮފީހުގެ ވަކީލު ޔުދުރާ އަބްދުއްލަތީފް ވިދާޅުވީ ޔާމީން ހައްޔަރުކުރުމުން އެކަމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ގާނޫނު އަސާސީން ފުލުހުންނަށް ލިބޭ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ. އަދި ބަދަލުނަގައިދިން އިރު އެ މައްސަލައިގެ ހަގީގަތަށް އެ ކޯޓުން ރިއާޔަތްކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 24 ގަޑިއިރު ވަންދެން މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ ގާނޫނު އަސާސީން ފުލުހުންނަށް ލިބިގެންވާ ބާރެއް ކަމަށާއި ޔާމީން ހައްޔަރު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި ޖިނާއީ ކޯޓަށް އޭނާ ހާޒިރުކުރުމުން އެ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރިއިރު ދިފާއުގައި ވާހަކަދައްކަން ބަންޑާރަ ނައިބުގެ އޮފީހަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ ބަދަލުނަގައި ދިނުމުގެ އާންމު އުސޫލުތަކާ ޚިލާފަށް ކަމަށާއި އެހެންކަމުން ސިވިލް ކޯޓުގެ އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ހައްޔަރުކުރުމުން އެކަމުގެ ބަދަލު ހޯދުމަށް އޭނާ ކުރެއްވި ދައުވާގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމްގައި ބުނަނީ ޔާމީން ހައްޔަރު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 244،031.25 ރުފިޔާ އޭނާއަށް ސަރުކާރުން ދޭންޖެހޭނެ ކަމަށެވެ.