04 Sep 2023, 18:36
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މަސައްކަތްކުރަނީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ އަގު ވައްޓާލައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ކަމަށް، އެ ކޯލިޝަންގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮލާލް ވަނީ އެމްޑީޕީން، ޑރ. މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުންދާ ކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވާފައެވެ.
ތޮލާލް ވިދާޅުވީ އެކަން އެ ކުރަނީ އެމްޑީޕީން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ދައްކާނެ އެއްޗެއް ނެތުމުން ކަމަށެވެ. އެގޮތުން ދައްކާނެ އެއްޗެއް ނެތުމުން ދެން ކުރެވޭނެ ހަމައެކަނި ކަމަކީ، ވާދަވެރިޔާގެ އަގު ވައްޓާލައިގެން ކުރިއަށް ދިޔުން ކަމަށް ތޮލާލް ވިދާޅުވިއެވެ.
"ތިމާގެ ވިއްކާނެ އެއްޗެއް ނެތީމަ. ދެން ވާހަކަދައްކަން ޖެހޭނީ އަނެކާގެ ގޯސް ވާހަކަ. އަނެކަކާ ބެހޭގޮތުން ދޮގުތަކެއް ހަދައިގެން ވެސް ތިމާގެ ގާބިލްކަން ދައްކަން މިއުޅެނި،" ތޮލާލް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ތޮލާލް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެފައެވެ.
"ފަސް އަހަރު ދުވަހު ވެރިކަން ކުރި އިރުވެސް ތިމާގެ ވިއްކާނެ އެއްޗެއް ނެތީ. ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ޚިދުމަތެއް ކޮށްދެވިފަ ނެތީމާ ދައްކާނެ ވާހަކައެއް ނެތީ. ދެން ޖެހޭނީ ވާދަވެރިޔާގެ އަގު ވައްޓާލައިގެން ވެސް ތިމަންނަ ކުރިއަށް ދެވޭތޯ މަސައްކަތްކުރާކަށް ނޫންތޯ؟" ތޮލާލް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ބާއްވާ ސިލްސިލާ ނިއުސް ކޮންފަރެންސް ތަކުގައި މުއިއްޒާ ގުޅޭގޮތުން ދޮގުވާހަކަތައް ދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މުއިއްޒާ ގުޅޭގޮތުން ދޮގު ވާހަތަކައް ހިމެނޭ ލިޔުންތައް މާލެ ތެރޭގައި ބަހަމުން ދަނީ އެމްޑީޕީން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ މައްސަލަތައް ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ތޮލާލް ވަނީ އެ މައްސަލަތައް ބަލައި އަވަހަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލައްވައިފައެވެ.