ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނަށް އެމްޑީޕީގެ އެއްބާރުލުން ނުލިބެއްޖެ ނަމަ އެ ކޮމިޝަންގެ ރިޕޯޓް އެންމެ ފުރިހަމަ ރިޕޯޓަކަށް ނުވެ ހިނގައިދާނެ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މުލީއާގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ގެ މެންބަރު ޑރ. އިބުރާހިމް ޔާސިރު ވިދާޅުވީ އެމްޑީޕީގެ އެއްބާރުލުން ނުލިބި އެ ކޮމިޝަންގެ ރިޕޯޓް އެންމެ ފުރިހަމަ ރިޕޯޓަކަށް ނުވެދާނޭ ކަމަށެވެ. ނަމަވެސް ޑރ. ޔާސިރު ވިދާޅުވީ ވަރަށް ގިނަ ބައެއްގެ އިންޓަވިއު ކޮމިޝަނަށް ލިބިފައިވުމާ އެކު އެ ކޮމިޝަންގެ ފައިނަލް ރިޕޯޓަކީ ފުރިހަމަ ރިޕޯޓަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މުޅި ރިޕޯރޓް މުޅިން އެއްކޮށް ފުރިހަމަވާނީ ހުރިހާ ބޭފުޅުންގެ ވެސް އިންޓަވިއުތައް ލިބިގެން. މިސްވާ ޕޮއިންޓްތައް އަޅުގަނޑުމެން ރިޕޯރޓްގައި ފާހަކުރާނަން. އެބޭފުޅެއްގެ ފަރާތުން ނުލިބޭ މައުލޫމާތުތަކަކީ އެބޭފުފުޅެއްގެ ފަރާތުން ކޮންމެހެން ލިބެންޖެހޭ މައުލޫމާތުތަށް އިނގޭ ގޮތަކަށް ރިޕޯރޓްގައި ފާހަގަކުރާނަން،" ޔާސިރު ވިދާޅުވި އެވެ.

ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު ވިދާޅުވީ އެމްޑީޕީގެ ބައެއް ފަރާތްތަކުން ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވި ނަމަވެސް އެމްޑީޕީގެ ދެފަރާތަކުން ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވަން މިހާތަނަށް އުޒުރުވެރިވެފައިވާ ކަމަށެވެ.

"ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވާ ފަރާތްތަކުގެ ނަންތައް އަޅުގަނޑުމެން ހާމަކުރާ ގޮތަކަށް ނޫން އޮންނަނީ އެއީ އެފަރާތް ތަކުގެ ރައްކާތެރިކަމަށްޓަކައި. އެމްޑީޕީގެ ބައެއް ފަރާތްތަކުން ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވާފައި އެބަހުރި. ދެފަރާތަކުން [ކޮމިޝަނަށް] ވަޑައިގެންނަވަން އިންކާރު ކުރައްވާފައި ވަނީ. ދެން އެކަމަކު އެހެން ބައެއް ފަރާތްތަކުން މައުލޫމާތުދެއްވާފައި ވަނީ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވި ހާދިސާ އާއި ގުޅެ ގޮތުން ރާއްޖޭގެ ފަރާތްތަކުގެ އިތުރުން އިންޑިޔާގެ ހައިކޮމިޝަނަރު މުލޭއާއި ވާހަކަ ދައްކަވާފައިވާ ކަމަށާއި އަދި މުލޭގެ ފަރާތުން ވެސް މައުލޫމާތުތަކެއް ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮމިޝަނަށް މުލޭގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ކޮމިޝަނުގެ މެންބަރު ޑރ. އިބުރާހިމް ޔާސިރު ވިދާޅުވީ ކޮމިޝަނުގައި ކުރާ މަސައްކަތްތަކަކީ އިންޓަވިއުކޮށްގެން ކުރަމުންދާ މަސައްކަތްތަކަކަށް ވުމާ އެކު ކޮމިޝަނުން އެއްކޮށްފައިވާ މައުލޫމާތުތަކަކީ ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށާއި މިހާތަނަށް އެބޭފުޅުން ކޮށްފައިވާ މަސައްކަތްތަކާއި އެމައުލޫމާތުތަށް އެފަދަ އެހެން ކަމަކަށް ވެސް ބޭނުން ކުރެވިދާނެ ކަމަށެވެ.

އިންކުއަރީ ކޮމިޝަނުގެ ތަހުގީގް ރިޕޯރޓް މިމަހުގެ ނިޔަލަށް ނިންމަން ޖެހޭއިރު މިހާތަނަށް 70 އަށް ވުރެ ގިނަފަރާތުގެ އިންޓަވިއުވަނީ ނަގާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އެ ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވާފަ އެވެ.

އިންކުއަރީ ކޮމިޝަން އުފެއްދި ގަރާރުގައި ބުނެފައި ވަނީ މިދިޔަ ޖެނުއަރީ 14 އިން ފެބްރުއަރީ 8ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް ބަލައި ހޯދައި މި މަހުގެ 31ގެ ނިޔަލަށް ރައީސުލްޖުމްހުރިއްޔާ އަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށާއި ބަންޑާރަ ނައިބަށް އެ ކޮމިޝަންގެ ރިޕޯޓް ހުށަހަޅަންވާނެ ކަމަށެވެ.