04 Sep 2023, 16:21
ނިޔާމޭ (4 ސެޕްޓެމްބަރު 2023): ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރުގައި ހުންނަވާ ފަރަންސޭސިވިލާތުގެ ސަފީރު ނައިޖަރުން ފުރާވަޑައިގަތުމަށް އެގައުމުގެ ސަރުކާރުން އެންގުމުންވެސް އެ އެންގުމަށް ގޮންޖައްސަވައި ނައިޖަރުގައި ގަދަކަމުން ހުންނަވަން މަސައްކަތް ކުރައްވާތީ އެކަމާ ދެކޮޅަށް ނައިޖަރުގެ ރައްޔިތުން ތެދުވެ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.
މީގެ ދެ ދުވަސްކުރިން ފެށިގެން ނައިޖަރުގެ ރައްޔިތުން މަގުތަކަށް ނުކުމެ ގޮވާލަމުން ގެންދަނީ އެގައުމުގައި ހުންނަވާ ފަރަންސޭސި ސަފީރާއި އެގައުމުގައި ތިބޭ ފަރަންސޭސި ސިފައިންވެސް ފޭބުމަށެވެ. އާންމުންވަނީ ވެރިރަށް ނިޔާމޭގައި ހުންނަ ފަރަންސޭސި އެންބަސީ ވަށާލައި އެތަން ހިސާރުވެސް ކޮށްފައެވެ. ނަމަވެސް އެންބަސީގެ އިމާރާތަށް އެއްވެސް ގެއްލުމެއް ނުކުރެއެވެ. ފަރަންސޭސި ސަފީރު ދިރިއުޅުއްވާ ރެސިޑެންސް ބައިވެސް ހުންނަނީ އެންބަސީގެ އިމާރާތުގެ ތެރޭގައެވެ.
ނައިޖަރުގައި ހުންނަ ފަރަންސޭސި އެންބަސީއަކީ ވަރަށް ބޮޑު ސަރަހައްދެއްގައި ބިނާކޮށްފައިވާ ބިޔަ ތަނެކެވެ. ނައިޖަރުގައި ހުންނަވާ ފަރަންސޭސި ސަފީރު އެގައުމުން ފޭބުމަށް ނައިޖަރުގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުން ދިން މުހުލަތު ހަމަވުމަށްފަހުވެސް އެގަމުން ފުރާވަޑައިގަތުމަށް ސަފީރު ދެކޮޅު ހައްދަވާތީ ނައިޖަރުގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުންވަނީ މިދިޔަ ހަފުތާގައި ފަރަންސޭސި އެންބަސީން ފެނާއި ކަރަންޓް ކަނޑާލާފައެވެ.
ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވިދާޅުވިގޮތުގައި ފަރަންސޭސި ސަފީރަށް އަމުރުކުރުމުގެ ބާރެއް ނައިޖަރުގައި ވެރިކަންކުރާ އަސްކަރީ ސަރުކާރަކަށް ނޯންނާނެއެވެ. އެބާރު އޮންނާނީ މަގާމުން ދުރުކޮށްފައިވާ ރައީސް މުހައްމަދު ބާޒޫމްއާއި އޭނާގެ ސަރުކާރަށެވެ.
ބާޒޫމްއަކީ ގައުމުގެ އަމިއްލަ މަސްލަހަތަށްވުރެ ފަރަންސޭސި މަސްލަހަތަށް އިސްކަންދެއްވާ އަދި ފަރަންސޭސިވިލާތާއެކު އަޑި ނޭނގޭ ގުޅުންތަކެއް ބާއްވަމުން ގެންދެވި ރައީސެއްކަމަށް އަސްކަރީ ވެރިން ވިދާޅުވެއެވެ. ނައިޖަރުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން ބާޒޫމް މަގާމުން ދުރުކުރި މައިގަނޑު ސަބަބަކީވެސް ޒަމާނުއްސުރެ ނައިޖަރުގައި އޮންނަ ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު ބާޒޫމްގެ ވެރިކަމުގައި އިތުރަށް ވަރުގަދަވެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހިސާބަށް ކަންތައް ދިޔުމުންކަމަށް އިންގިލާބީ ޖެނެރަލުން ވިދާޅުވެފައިވެއެވެ.
ނައިޖަރުގެ ރައްޔިތުންގެ އެތައް ހާސްބަޔަކު މަގުތަކަށް ނުކުމެ ގެންދަނީ ބަޣާވާތަކުން ބާޒޫމްގެ ވެރިކަން ވައްޓާލި އަސްކަރީ ވެރިންނަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ. އަދި ފަރަންސޭސިވިލާތަކީ ޒަމާނުއްސުރެ ނައިޖަރުގެ މުއްސަނދިކަން ފޭރިގަނެ ނައިޖަރުގެ ގުދްރަތީ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް އެތަކެތި ނުއަގުގައި ގަނެ ފޭރުމުގެ އަމަލުތައް ހިންގި ކުރީގެ އިސްތިއުމާރީ ބާރުކަމަށް ސިފަކޮށް ދެން އެފުރުސަތު ފަރަންސޭސިވިލާތަަށް ނުދެވޭނެކަމަށް ބުނެ ގައުމީ ޝިއާރުތައް އުފުލަމުންނެވެ.
ފަރަންސޭސި ޚާރިޖީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނާގޮތުން ނައިޖަރުގައި ތިއްބަވާ ފަރަންސޭސި ސަފީރަށާއި ފަރަންސޭސި ޑިޕްލޮމޭޓުންނަށްވަނީ ވަރަށް ދަތި އުނދަނގޫ ދުވަސްތަކެއް ކުރިމަތިވެފައެވެ. އެބޭފުޅުން އެންބަސީގެ އިމާރާތުގައި ތިއްބަވަން ޖެހިވަޑައިގެންފައިވަނީ ފެނާއި ކަރަންޓުން މަހުރޫމްވެގެން ކަމަށާ ކާބޯތަކެތިވެސް ލިބެނީ ދަތިގޮތަކަށް ކަމަށް ފަރަންސޭސި މިޑީއާ ބުނެއެވެ.
މަގާމުން ދުރުކޮށްފައިވާ ރައީސް ބާޒޫމް ހައްޔަރުކޮށްފައިވަނީ ވެރިރަށް ނިޔާމޭގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ. އޭނާ އަލުން މަގާމަށް އެނބުރި ރުޖޫއަކުރުމަށް އެފްރިކާގެ ހުޅަނގު ސަރަހައްދުގެ ގައުމުތަކުގެ ޖަމްއިއްޔާ "އިކޯވަސް" އިންވަނީ ނައިޖަރުގެ އަސްކަރީ ވެރިންނަށް އެތައް ފަހަރަކު އިންޒާރު ދީފައެވެ. އަދި ނައިޖަރ އަށް އަސްކަރީ ގޮތުން އަރައިގަންނާނެކަމުގެ އިންޒާރުތައްވެސް "އިކޯވަސް" އިންގެންދަނީ ދެމުންނެވެ.
އިންޒާރަކަށްފަހު އިންޒާރެއްދީ އަދި ސުންގަޑިއަކަށްފަހު ސުންގަނޑިއެއްދެމުން ގެންދިޔަ ނަމަވެސް ނައިޖަރ އަށް އަސްކަރީ ގޮތުން އަރައިގަންނާކަށް އެޖަމްއިއްޔާއަށް ކެރިފައެއް ނުވެއެވެ. އަނެއްކޮޅުން "އިކޯވަސް" ގެ ބައެއް ގައުމުތަކުންވަނީ އެޖަމާއަތުގެ ސިފައިން ނައިޖަރަށް އަރައިގެންފިނަމަ ނައިޖަރަށް އަސްކަރީ ގޮތުން އެހީތެރިވުމަށް ސިފައިންނާއި ހަތިޔާރު ފޮނުވާނެކަމަށް ބުނެފައެވެ.
"އިކޯވަސް" ގެ ބާރުތަކަކީ މިފަދަ ހާލަތެއްގައި ނައިޖަރ އަށް އަރައިގަނެ އެގައުމުގެ ސިފައިންނާ އަދި ރައްޔިތުން ބަލިކޮށްފައި ބާޒޫމް ވެރިކަމަށް ގެނެވޭވަރުގެ ބާރުގަދަ ބައެއް ނޫންކަމަށާ އެހެންކަމުން އިންޒާރުތައް ދިންނަމަވެސް މިކަން ކުރަން "އިކޯވަސް" އަށް ނުކެރޭނެކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. "އިކޯވަސް" ގެ އިންޒާރުތަކުގެ ފަހަތުގައިވަނީ ފަރަންސޭސިވިލާތްކަމަށް ނައިޖަރު ގެ އަސްކަރީ ވެރިން ތުހުމަތު ކުރެއެވެ.
ނައިޖަރު ގައި ފަރަންސޭސި އަސްކަރީ ބޭހަކާއި އަސްކަރީ ބާރެއް އޮވެއެވެ. ނަމަވެސް އެއީ ގާތްގަނޑަކަށް ދެހާސް ސިފައިންގެ ކުޑަ އަސްކަރީ ބާރެކެވެ. އެވަރުގެ ބާރަކަށް ނައިޖަރުގެ ސިފައިންނާ އަދި ހަތިޔާރުއެޅި އާންމުންގެ ބާރުތަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަކީ ކުރެވޭނެކަމެއް ނޫންކަމަށާ ބާރުގެ ބޭނުންކުރަން ފަރަންސޭސީން ފަސްޖެހެނީ އެހެންވެގެންކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.
ފަރަންސޭސި ބޮޑުވަޒީރުވަނީ ނައިޖަރުގައި ހުންނަވާ ފަރަންސޭސި ސަފީރާ އަދި ޑިޕްލޮމޭޓުންނަށް ޖިސްމާނީ ނުރައްކަލެއް ދިމާވެއްޖެ ހާލަތެއްގައި މެނުވީ ބާރުގެ ބޭނުންކުރުމާމެދު ނުވިސްނާނެކަމަށް ވިދާޅުވެފައެވެ.