މިއަދަކީ ކުޑަ ކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ. އެގޮތުން މިދުވަސް ރާއްޖޭގައި ވެސް ކުލަގަދަ ގޮތެއްގައި އަންނަނީ ފާހަގަކުރަމުންނެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން މިއަދު ސްކޫލްތައް މަލާއި ފުއްޕާހަން ފަދަ ތަކެތި ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ އިރު ސްކޫލްތަކުގައި ގެންދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތޮން ގިނަ ސްކޫލްތަކުގައި މިއަދުގެ ހަރަކާތްތައް ފެށީ ހާއްސަ އެސެންބްލީ އަކުންނެވެ. އަދި އެ އެސެންބްލީގައި މިއަދާ ގުޅިގެން އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނެއް އިއްވުން ވެސް އޮތެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގެ ކިޔެވުން މިއަދު ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ އިރު ސްކޫލްތަކުގައި އެކިއެކި ކުޅިވަރުގެ ހަރަކާތްތަކާއި މުނިފޫހި ފިލުމުގެ ތަފާތު އައިޓަމްތައް ވެސް ގެންދަނީ ބާއްވަމުންނެވެ.

ސްކޫލްތަކުން ބުނީ މިއަދު ހުރިހާ ކުދިންވެސް ސްކޫލަށް ގޮސްފައި ވަނީ ކުލަ ހެދުމުގައި ކަމަށެވެ. އަދި ބައެއް ސްކޫލްތަކުގެ ކުދިން މިއަދު ސްކޫލަށް ގޮސްފައި ވަނީ ތަފާތު ކެރެކްޓާތަކުގެ ހެދުން އަޅައިގެންނެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން ސްކޫލްތަކުގައި ކުރިއަށް ގެންދާ މިހަރަކާތްތައް މިއަދު ހަވީރާ ހަމައަށް ބައެއް ސްކޫލްތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.