އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ގޮތާ ބެހޭ ގޮތުން އެކުލަވައިލި ކޯނީ ރިޕޯޓު މިހާރު ފެންނާކަށް ނެތް ކަމަށާއި އެ ރިޕޯޓު ވީތަނެއް ހޯދަން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް މިއަދު ހދ. ނޭކުރެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބަހުސްގައި އެހެން ކެންޑިޑޭޓުން ކޯނީ ރިޕޯޓުގެ ވާހަކަ ދެއްކެވި ނަމަވެސް، އެ ރިޕޯޓު މިހާރު ކޮބައިތޯ ސުވާލު ކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޯނީ ރިޕޯޓެއް މިހާރަކު ނެތް ކަމަށެވެ. އަދި، އެ ރިޕޯޓު ވީތަނެއް ހޯދަން އެ މައްސަލަ ފުލުހަށް ހުށަޅާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޑިބޭޓުގެ ކޮންމެ ވެސް ބޭފުޅަކު ވިދާޅުވި، ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގޭ މިހާރަކު. އެ މައްސަލަ ބަލަން އަޅުގަނޑުމެން މިހާރު ވާނީ ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮންކަހަލަ ބޮޑު ސިއްރެއްތޯ؟ މިއަދަކު އެޔެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަން ބަލައި ތަހުގީގު ކުރީމާ އެނގޭނެ އޭގެ ޒިންމާވާ މީހުން. ފުލުސް އޮފީހަށް އެ މައްސަލަ ހުށަހަޅައިގެން ބަލަމުން މި ގެންދަނީ،"

ރައީސް ވިދާޅުވީ، ދައުލަތުގެ އެ ފަދަ ސިއްރުތައް ވީތަނެއް ނޭނގޭއިރު، މިއަދު އިންތިޚާބަށް ނުކުންނަވައިގެން ތިއްބެވި ކެންޑިޑޭޓުންނާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ބަހުސްގައި ހަތެއް ފެބްރުއަރީއާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ ކޯނީ ރިޕޯޓަށް އިޝާރާތް ކުރައްވައިފައެވެ. އެ ގޮތުން، އެ ރިޕޯޓުގައި ވާގޮތުން، އެ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެކަން ސާފުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު، ގައުމު ހަލަބޮލި ކަމަށް ވެއްޓި ހަތެއް ފެބްރުއަރީ 2012 ގައި ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އެ ދުވަހު ހިންގީ އަސްކަރީ ބަޣާވާތެކެވެ. އެކަމަކު، އެ ދުވަހު ކަންތައް ހިނގާ ދިޔަ ބަލަން އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީން އެކުލަވައިލި ކޯނީ ރިޕޯޓުގައި ވަނީ އެ ދުވަހު ހިނގީ ބަޣާވާތެއް ނޫން ކަމަށް ބުނެފައެވެ.

އޭރުގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ނިންމެވީ ކޯނީއަށް އެކިއެކި ފަރާތްތަކުން ދީފައިވާ ބަޔާންތައް ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބެހެއްޓެވުމަށެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ފެބުރުއަރީ މަހުގެ ތެރޭގައި އުފެއްދެވި އިންކުއަރީ ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ކަމެއް ބަލާފައެވެ. އެއީ 2012 ވަނަ އަހަރުގެ ޖެނުއަރީ 14 އިން ފެށިގެން ފެބްރުއަރީ 8 ވަނަ ދުވަހާ ދެމެދު ރާއްޖޭގައި ހިންގި ކަންކަމާއި ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުވިގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާއި ހިލާފު މަޖުބޫރުކުރުމުގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާއި އެއްގޮތައްތޯއެވެ.

ދެހާސް ބާރަވަނަ އަހަރު ހަ މަސް ދުވަސް ވަންދެން އެ ކޮމިޝަނުން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހަތެއް ފެބްރުއަރީ ގައި ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި، ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ހިމެނިގެން ނުވާ ކަމަށާއި އެ ތުހުމަތު ތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެއެވެ.

އިންކުއަރީ ކޮމިޝަނުން 293 މީހުންނާއި އިންޓަވިއު ކޮށްފައިވާއިރު އޭގެ ތެރެއިން 15 މީހަކާއި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އިންޓަވިއުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ތިން މެންބަރުންނާ އެކު އެ ކޮމިޝަން ފުރަތަމަ އުފެއްދެވި ނަމަވެސް ފަހުން އެ ކޮމިޝަނަށް ދެ މެންބަރުން ހިމެނުއްވިއެވެ. އެއީ، ސިންގަޕޫރުގެ ސްޕްރީމް ކޯޓުގައި ފަނޑިޔާރުން ކުރައްވާފައިވާ ޖަސްޓިސް ޖީ.ސީ.ސެލްވަމް އާއި ނަޝީދުގެ ފަރާތުން އަހްމަދު ސައީދުއެވެ.

ކޮމިޝަނުގެ ރިޕޯޓު ނެރުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަން ވެފައިވަނިކޮށް އެ ކޮމިޝަނަށް ފާޑު ވިދާޅުވެ އެ ކޮމިޝަނުގައި ނަޝީދުގެ ފަރާތްޕުޅުން އިންނެވި ސައީދު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

އެކަމަކު، ސައީދު ފާހަގަ ކުރައްވާފައިވާ ކަންތައްތައް ވެސް ގަބޫލު ކުރައްވަމުން ކޯނީގެ ރިޕޯޓު ވެސް ގަބޫލުފުޅު ގަބޫލުކުރައްވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން އިއުލާން ކުރައްވާފައެވެ. އަދި، އޭރުގެ ރައީސް ޑރ. ވަހީދު ވަނީ ކޯނީގެ ރިޕޯޓު ގަބޫލުނުކުރާ އެއްވެސް ގައުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.