04 Sep 2023, 11:42
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އަންގައިފިއެވެ.
އީސީއިން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް އަތުވެދާނެ ކަމަށް ބުނެ ބައެއް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތަކާ ބެހޭ ގޮތުން ކޮމިޝަންގެ ގާނޫނީ ޓީމާއެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ގާނޫނާއި ގަވާއިދުގައި އޮންނަނީ، ވޯޓުލާންދާ މީހަކަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށެވެ. އެހެންވެ، އާދައިގެ ގަލަމެއް ކަމަށް ބަލައިގަންނާނީ ކޮން ކަހަލަ ގަލަމެއްކަން އެ ކޮމިޝަންގެ ބައްދަލުވުމުގައި އިއްޔެ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާދައިގެ ގަލަމެއް ކަމަށް ކޮމިޝަނުން ނިންމި ނިންމުމުގައި މި އޮންނަނީ، އާދައިގެ ގަލަމެއް ކަމުގައި ކޮމިޝަނުން މި ބަލަނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް،" ހަބީބް ވިދާޅުވިއެވެ.
އެ ނިންމުމާއެކު، ކަޅު ނުވަތަ ނޫ ކުލަ ނޫން އެހެން ކުލައެއްގެ ގަލަމެއް ގެންގޮސްފި ނަމަ، އެއީ އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ބުނާ ފަދަ "އާދައިގެ ގަލަމެއް" ކަމަށް އޮފިޝަލުން ބަލައިނުގަންނާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުުރުން އޭނާ ވަނީ ވޯޓު ލާން އަމިއްލަ ގަލަމެއް ގެންދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، ވޯޓު ލާ މަރުކަޒުން ވެސް ގަލަން ލިބެން ހުންނާނެ ކަން ފާހަގަކުރައްވާފައެވެ. އަދި ކޮމިޝަނުން ބޮޑަށް އެދެނީ މަރުކަޒުން ދޭ ގަލަން ބޭނުން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީސީގެ ބައްދަލުވުމުގައި ނިންމި އިތުރު ކަންތައްތަކާ ބެހޭ ގޮތުން ހަބީބް ވިދާޅުވީ، ވޯޓު ކަރުދާހުގައި އެއް ފާހަގައަށް ވުރެ ގިނަ ފާހަގަ ނުވަތަ ނިޝާނެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ވެސް އިތުރަށް އޮވެއްޖެ ނަމަ ވޯޓު ކަރުދާސް ބާތިލުވާނެ ކަމަށެވެ.
މީގެ އިތުރުން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓު ބޫތުތައް ހުރީ ކުރިމަތިން މީހުން ފެންނަ ގޮތަށް ހަދާފައި ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ބޫތު ހުންނާނީ ވޯޓު ލާ މީހާގެ ފުރަގަހުން ފެންނަ ގޮތަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
"މި އިންތިޚާބަކީ އެ ފަރާތަކުން ވޯޓުލާން ބޭނުންވާ ކެނޑިޑޭޓަކަށް ޖެހިލުމަކާ ނުލާ ވޯޓު ލެވޭނެ އިންތިޚާބަކަށް ވެގެންދާނެ،" ހަބީބް ވިދާޅުވިއެވެ
ހަބީބް ވިދާޅުވީ އިންތިޚާބަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް އީސީން މިފަދަ ނިންމުންތަކެއް ނިންމީ ވޯޓަކީ ސިއްރު އެއްޗެއްކަން ޔަގީން ކުރުމަށް ކަމަށެވެ. އެކަމުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.