04 Sep 2023, 10:41
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއަށް ލެވޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށާއި، ތަރައްގީއަށް ކުރާ މަސައްކަތުގައި ބާކިނުވެ އެމްޑީޕީއާ އެކު ކުރިއަށް ދިއުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ގޮވައިލައްވައިފިއެވެ.
ހދ. ކުމުންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަށް އައި ހަލަބޮލިކަމުގެ އަސަރު މި ރަށަށް ވެސް ކޮށް، މަދު މެންބަރުންތަކެއް އެ ކަމުގައި ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިއީ އެ މެންބަރުން ވެސް އެމްޑީޕީއާ އަލުން ގުޅި އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އެނބުރި ވަޑައިގަންނަވާށޭ. މިއީ އެ ވަގުތޭ. ތި ބޭފުޅުންގެ ވޯޓަކީ ބޭކާރު ވެގެންދާ އެއްޗެއްގެ ގޮތުގައި ނުހައްދަވާށޭ. އެންމެ ވޯޓެއް ނަމަވެސް އެއީ މުހިންމު ވޯޓެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އެ ރައްޔިތުންް ބާކީވެގަނެގެން ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި، އެކަހެރިވެ ނުތިބުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިންތިޚާބަށް ފަސް ދުވަހަށް ކުޑަތަންވެފައިވާއިރު ކުރިން ގޮތް ނުނިންމައި ތިބި ރައްޔިތުން ވެސް މިހާރު ގޮތް ނިންމަމުން އަންނަކަމަށެވެ.
އޭގެ ނަތީޖާ މި އަތޮޅުން ވެސް ފެނިވަޑައިގަންނަވާ ކަމަށާއި އިތުރުވަނީ އެމްޑީޕީއަށް އޮތް އުންމީދު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދަތުރުކުރަމުން މި ދާއިރުގައި މިހާރު ފެންނަ ބަދަލެއް އަޅުގަނޑަށް އެބަ ހާމަވޭ. ކުރިން ބައެއް ރަށްރަށުގައި ވަކި ގޮތެއް ނުނިންމާ ތިއްބެވި ބޭފުޅުން ގޮތް ނިންމަމުން ދާތަން. ބޮޑުކޮށް ބޮޑުކޮށް އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެން މި ކަން ނިންމަން ހިފައިފައި ތިބިތަން އަޅުގަނޑަށް ފެންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުމުންދޫއިން ފެނިވަޑައިގަންނަވަނީ އެއްބުރުން އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.
ދެވަނަ ދައުރެއްގައި ކުމުންދޫގައި ހިންގާނެ މަޝްރޫތައް:
ބަނދަރުގެ މައްސަލަ ރައްޔިތުން ބޭނުންވާ ގޮތަށް ހައްލުކުރުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
- ސްކޫލަށް އިތުރު ވަސީލަތް ހޯދައި މަލްޓިޕާޕަސް ހޯލް ތަރައްގީކުރުން
- ޒަމާނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރު މަސައްކަތް ނިންމުން