10 May 2012, 09:56
ކުޑަކުދިން ދުޅަހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމަކީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާފައި އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ނޭދެވޭ އަމަލުތަކުންނާއި އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަށް ޓަކައި ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ޖެހޭ ކަމަށެވެ. އަދި އެކުދިންނަށް ދިރިއުޅެވޭނެ އަމާން ވެއްޓެއް ގާއިމް ކޮށްދޭން ޖެހޭނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ބޮޑެތިމީހުން ކަމަށް ވާއިރު އެކުދިންގެ ދުޅަހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ ބޮޑެތި މީހުންގެ ހާއްސަކޮށް މައިންބަފައިންނާއި ބެލެނިވެރިންނާއި ޓީޗަރުން އަދި މުޅިމުޖުތަމައުގެ ވަރަށް މުހިއްމު މަސްއޫލިއްޔަތެކެވެ. މިމަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތަކުން އިހުމާލުވުމަކީ ކުޑަކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ކުޑަކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް ޓަކައި އެ ކުދިންނަށް ވެކްސިން ދޭން ޖެހޭ އުމުރުގައި ފުރިހަމައަށް ވެކްސިންދީ ފައިދާ ރަނގަޅު ކާނާ ދިނުމާއި އުގެނުމުގެ ފުރުސަތު ހޯދައި ދިނުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ.
މަދުބަޔަކު ނަމަވެސް ކުޑަކުދިންނާ މެދު އިހުމާލުވެ، އެކުދިންނަށް ލިބިދޭން ޖެހޭ ހައްގުތަކުން މަހުރޫމުވެ، ކުދިން ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދާ މަންޒަރު ރާއްޖޭން ފެންނަމުންދާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ. އަދި އެކަން ހައްލުކުރުމަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އަލަށް ގާއިމް ކުރި އިންސާނީ ހައްގުތަކާ ބެހޭ ވުޒާރާ އިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެޗުއާރުސީއެމުން ބުނެފައިވެ އެވެ. އަދި ކުޑަކުދިންނަށް އަމާން ވެއްޓެއް ގާއިމްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތާއި އެންމެހާ ފަރާތްތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފަ އެވެ.