ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ހާސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އެތަންތަން ދައްކާލައިފިއެވެ.

ސިފްކޯ ހިޔާ ފްލެޓްތަކަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ"އާ ގުޅިގެން އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ، އެ މަޝްރޫ ދިޔައީ މަޑުޖެހެމުންނެވެ.

ނިމުމަކާ ގާތް ވެފައިވާ ސިފައިންގެ ފްލެޓްތަކަށް ވަނުމުގެ ފުރުސަތު މިއަދު ހަވީރު ދީފައިވާއިރު އެތަންތަން ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ސިފައިންގެ އިސްވެރިން ވެސް ވަޑައިގަތެވެ.

ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ ސިފްކޯ ހިޔާގައި 330 ފްލެޓް ހިމެނޭއިރު، ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުރެއެވެ. އަދި ލަގްޒަރީ ފެންވަރުގެ ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުރެއެވެ.

ފްލެޓްތައް ބަލާލުމުގެ ފުރުސަތު މިއަދު ދިން ނަމަވެސް އަދިވެސް އެތަނުގައި މީހުނަށް ދިރިއުޅެވޭނެ ވަކި ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

އެ މަޝްރޫއު މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައިވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ދެއަހަރު ދުވަހަށް ހަވާލުކޮށްފައެވެ. ނަމަވެސް އެ ކުންފުނަޏަށް ވެސް ފްލެޓްތައް ނިންމާ ނުލެވުމުް މި ސަރުކާރުން ވަނީ ޗައިނާގެ ދަ ޓެވެންޑީ ތާޑް މެޓަލިޖިކަލް ކޮންސްޓްރަކްޝަން ގްރޫޕްއާ ހަވާލުކޮށްފައެވެ.