ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން، ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އިމިގްރޭޝަނުގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

އޭސީސީ އިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން މިއަދު ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ ގަޒިއްޔާ ބަލައި ފައިސަލާކުރަނިވި ހުކުމެއް ކުރަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން، ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އިމިގްރޭޝަނުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ގާއިމްކުރަން ނިންމި 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި ފުރަތަމަ ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެ މަސައްކަތް ހުއްޓާލަން އޭސީސީ އަށް ނޭންގޭނެ ކަމަށެވެ. އަދި އޭސީސީން އެ މައްސަލަ ވަނީ ހައިކޯޓުގައި މި މަހު ކުރީ ކޮޅު އިސްތިއުނާފްކޮށްފަ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރާ، އޭސީސީން ހުށަހަޅާފައި ހުރި ސަބަބުތަކަށާއި، އެ ސަބަބުތަކާ ގުޅިގެން މައްސަލަ ރައްދުވާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައި ހުރި ލިއުންތަކަށް ބަލާއިރު، އެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން، ބޯޑާ ކޮންޓްރޯލް ސިސްޓަމްގާއިމް ކުރުމަށް ދިވެހި ސަރުކާރާއި މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއާ ގުޅިގެން އިތުރު ކަންތައްތަކެއް ކުރުމަކީ އެ މައްސަލަ ނިންމާ ގޮތަކުން އިއާދަނުކުރެވޭ ފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އެއްބަސްވެފައިވާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމުގެ މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޭސީސީ އަށް ފާހަގަ ކުރެވިގެން، އެ މަސައްކަތް ކުރިއަށްގެންދާ ނަމަ ނެޝެނަލް ޕްލޭނިން ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި އެފަރާތުން ނިންމާ ނިންމުތަކާ އެއްގޮތަށް އާރްއެފްޕީ ތައްޔާރު ކުރުމަށް އިމިގްރޭޝަނަސް ވަނީ އަންގައިފަ އެވެ. އަދި އަލުން ބިޑުކޮށްގެން އެ މައްސައްކަތް ކުރިއަށްގެންދިއުމަށް އިމިގްރޭޝަނަށް އަންގާފައި ވަނިކޮށް އެ އެންގުމާ ޚިލާފަށް އަމަލު ކުރުމަށް އިމިގްރޭޝަނުން ނިންމާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.