03 Sep 2023, 18:43
މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ހުއްޓާ ނުލާނެކަމަށް އޭނާގެ އެސިސްޓެންޓް ކެމްޕެއިން ތަރުޖަމާނު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމަށް ހޮވިއްޖެ ނަމަ މަޝްރޫތައް ހުއްޓާލާނެ ކަމަށް ބުނެ ސަރުކާރުން ދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުން ކަމަށެވެ.
"މި ސަރުކާރުން މީ އަދި ކިތަންމެ ނާގާބިލް ސަރުކާރެއް ކަމަށް ވިއަސް މި ސަރުކާރުން ފަށާފަ އޮތް މަޝްރޫތައް އެއީ ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫތަކެއް ކަމަށް ވެއްޖެއްޔާމު އެ މަޝްރޫތަކެއް ނުހުއްޓާނެ،" މުއާޒް ވިދާޅުވިއެވެ.
މުއާޒް މިހެން ވިދާޅުވެފައި ވާއިރު، ފައިދާ ވާނީ ދެވަނަ ދައުރެއް އެމަނިކުފާނަށް ދެއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަނީ މީގެ ކުރިން ކެމްޕެއިން ޖަލްސާތަކުގައި ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ޑރ. މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފިސްކަލް ޕޮލިސީއަށް ޚާއްސަ ގާނޫނެއް މަޖިލީސް މެދުވެރިކޮށް ވުޖޫދުކޮށް ތަންފީޒު ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޑޮލަރުގެ އަގު ބޮޑުވާ މައްސަލަ ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެ ގެނެވޭ އިންވެސްޓްމަންޓު ތަކުން ލިބޭ ޑޮލަރު ދިވެހި އިގްތިޞާދުގެ ތެރޭގައި ވަކި ދުވަހެއް ނުވަތަ ވަކި ޓައިމް ފްރޭމެއް ވަންދެން އެނބުރޭ ގޮތަށް ގާނޫނުތައް ބަދަލުކޮށްދޭނެ ވާހަކަ ޑރ. މުއިއްޒު އޮންނާނީ ވިދާޅުވެފަ،" ޑޮލަރުގެ އަގު ތިރިކުރުމަށް ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވާ މުއާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ސަބަބުން ދިވެހި އިގްތިޞާދުގައި ޑޮލަރު އެނބުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮލަރުގެ އަގު ހަމަ މަގަށް އެޅުވޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގާތްގަނޑަކަށް 15.42އަކަށް ޑޮލަރު ތިރި ކުރުމުގެ އަމާޒު އޮތީ،" އޭނާ ވިދާޅުވިއެވެ.