03 Sep 2023, 18:46
ސެޕްޓެމްބަރު މަހުގެ ނުވައެއް ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވާތީ، ޖެހިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ ނުވައެއް ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއާއި، އެ ދުވަހާ ގުޅިގެން، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަފައި ވާތީ ކަމަށެވެ.
ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚުތަކުގައި ނަތީޖާ ފާޅުކުރުމާ ހަމައަށް ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެކަމުގެ ތެރޭގައި އުޅެން ޖެހޭތީ ކޮންމެ އަހަރެއްގެ ވެސް އިންތިޚާބު ބާއްވާ ދުވަހާ ޖެހިގެން އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައެވެ.