މި ދައުރުގައި އެތައް ހާސް މަޝްރޫއެއް ހިންގާފައިވާއިރު އެ މަޝްރޫއުތަކުން އެންމެ ފައިސާ ފޮއްޗެއް ވެސް އެ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިނުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޮޅިވަރަންފަރުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ދައުރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް ދައުރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއު ހިންގުނު ދައުރުކަމަށެވެ.

ހުރިހާ ރަށަކަށް ބެލި ނަމަވެސް އެ ކަން ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް ހަމަގައިމު ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ވަދެފައިކައި ނުހުންނާނެ. ކުރިއަކު ވެސް ނުވަދޭ، މިހާރަކު ވެސް ނުވަދޭ ދެނެއް ވެސް އަޅުގަނޑުގެ އެކައުންޓަކަަށް އެއްވެސް ކުންފުންޏަކުން ފައިސާއެއް ޖަމައެއް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރަށް ރާއްޖޭގައި މަޝްރޫއުތައް ނުހިންގި ލަސްވެގެން އައި ސަބަބަކީ ފައިސާއަށް ޚިޔާނާތްތެރިވުންކަމަށެވެ.

އެއިރު ފަށާ ކޮންމެ ޕްރޮޖެކްޓަކުން 'ވެރިންނަށް ބައި އަޅަންޖެހޭ' ކަމަށް ރައީސް ވިދާޅުވިއެވެ.

"މަޝްރޫއުތަކުގެ އަގުބޮޑުވެގެން ދިޔައީ އެ މައްސަލައާ ހެދި،" މަަޝްރޫއުތައް ހިންގުމުގައި އިންތިހާއަށް ތަފާތުކުރުން އޮތްކަމަށް ތުހުމަތުކުރައްވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާ ޚިލާފަށް މިއަދު އެތައް ހާސް ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގަައި، މަސައްކަތް ނިންމަމުން އަންނަކަމަށާއި މި ސަރުކާރުން މަސައްކަތްކުރަނީ ހާމަކުރުމުގެ ސިޔާސަތަކާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނުވަނީ 2013 އިން 2018އާ ހަަމައަށް އޮތް ދައުރުގައި ކަން ހިނގި ގޮތާމެދު އަދިވެސް ރައްޔިތުން ފުންކޮށް ވިސްނުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އެފަދަ ވެރިކަމެއް އަލުން އަންނާނެ ފަދަ ގޮތަކަށް ވޯޓު ނުލުމަށް އެދިވަޑައިގެންފައެވެ.