އޮހިއޯ (3 ސެޕްޓެމްބަރު 2023): އެމެރިކާގެ ފުލުހުން އެ ގައުމުގެ ކަޅު ނަސްލުގެ މާބަނޑު އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން ޒަމާނުއްސުރެ އެމެރިކާގައި އޮންނަ ނަސްލީ ތަފާތުކުރުމާއި ކަޅު ނަސްލުގެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަ އަނެއްކާ ވެސް ފެންމަތި ވެއްޖެއެވެ.

މި ޖަރީމާ ހިންގާފައިވަނީ އެމެރިކާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ އޮހިއޯގެ ފުލުހުންނެވެ. އޮހިއޯގެ ފުލުހުން ވަނީ އެ ސްޓޭޓްގެ ފިހާރައަކުން ވައްކަން ކޮށްގެން ނުކުމެ އިންކަމަށް ތުހުމަތުކޮށް އެ ފިހާރައިގެ ކުރިމަތީގައި އޮތް ކާރެއްގައި އިން ކަޅު ނަސްލުގެ މާބަނޑު އަންހެނެއްގެ ގަޔަށް ގަޔަށް ބަޑިޖަހައި އެ އަންހެން މީހާ މަރާލާފައެވެ. ނަމަަވެސް މި އަންހެން މީހާ އަކީ އެ ފިހާރައިން ވައްކަންކުރި މީހާކަން ކަށަވަރެއް ނުވެއެވެ.

އޮހިއޯގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު މަންޒަރު ދުށްމީހުން ބުނާގޮތުން ދޮންނަސްލުގެ ފުލުސްމީހާ ކަޅުނަސްލުގެ ޒުވާން އަންހެންމީހާ އާ ސުވާލުކޮށް ކާރުން ފޭބުމަށް އެދެއެވެ. އަދި އަންހެންމީހާ ކާރުން ނުކުންނަން ދެކޮޅު ހެދުމުން އަންހެންމީހާގެ ގަޔަށް ބަޑިޖަހައެވެ.

އެ ސްޓޭޓްގެ ގާނޫނު ބުނާގޮތުން ފުލުހުންނަށް ބަޑި ޖެހޭނީ ނުކިޔަމަންތެރިކަން ދައްކައި ފުލުހުންގެ ފުރާނައަށް ނުރައްކާކުރާ ފަދަ ހާލަތެއް ދިމާވެއްޖެނަމަ އެ އަމަލެއް ހިންގި މީހެއްގެ ފަޔަށް ނޫނީ އަތަށެވެ. ފުލުސް މީހާ ގެ ފުރާނައަށް ނުރައްކާވަފަ އަމަލެއް އަންހެންމީހާ ނުހިންގައެވެ.

އޮހިއޯގައި ދިރިއުޅޭ ކަޅު ނަސްލުގެ މީހުންވަނީ މިއީ ކަޅު ނަސްލުގެ އަންހެނަކަށްވާތީ ގަސްދުގައި އޭނާ މަރާލުމަށް ދޮން ނަސްލުގެ ފުލުހަކު ހިންގި ޖަރީމާއެއް ކަމަށް ބުނެ ފުލުހުންގެ މަރުކަޒުގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކާރުގައި އިން އަންހެން މީހާ ނުނުކުތުމުން ފުލުސްމީހާ އޭނާގެ ބޮލަށް ބަޑިޖެހި ވަގުތަކީ އަންހެންމީހާ އެކާރު ދުއްވާލި ވަގުތެވެ. ނުވަތަ ދުއްވާލަން ރޭސްދިން ވަގުތެވެ. އެހެންކަމުން އޭނާގެ ބޮލަށް ވަޒަން އެރުމާ އެކު ކާރު ގޮސް ޖެހުނީ އެ އަންހެން މީހާ ވައްކަންކުރި ކަމަށް ފުލުހުން ތުހުމަތުކުރި ފިހާރައިގެ ފާރުގައެވެ.

އެ ވަގުތު އަންހެންމީހާ ކާރުން ނެރެގެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ ވަގުތުގައި އަންހެންމީހާ ވަނީ މަރުވެފައެވެ.

އެމެރިކާގެ ފުލުހުން ބަޑިޖަހައި މަރާލި މި އަންހެން މީހާއަކީ އުމުރުން 21 އަހަރުގެ ޒުވާން އަންހެނެކެވެ. އޭނާ މަރުވުމާ އެކު އޭނާގެ ބަނޑުގައިވާ ދަރިފުޅު ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން އޭނާގެ ވަރަށް ކުޑަ ދެ ކުދިން ތިބޭ ކަމަށް ވެއެވެ. މާބަނޑު މި އަންހެން މީހާގެ ބަނޑަށް އަދި ދުވަސްނުފުރޭ ކަމަށް ވެއެވެ.

އަންހެންމީހާ މަރާލި ދޮންނަސްލުގެ ފުލުސް މީހާ ފަހުން ވަނީ ހައްޔަރު ކޮށްފައެވެ. އޭނާގެ މައްޗަށް ކުރެވޭނެ ކަމަށް ބެލެވެނީ މީހެއްގެ ގަޔަށް ބަޑިޖަހަން ނުޖެހޭ ހާލަތުގައި ބަޑިޖަހައި މަރާލުމުގެ ތުހުމަތެވެ. މިއީ 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ޖިނާއީ މައްސަލައެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް އިންސާފު ނުލިބުމާއި ފުލުހުންގެ ޝިކާރައަކަށްވެ މަރާލެވޭ ކަޅު ނަސްލުގެ މީހުން ގިނަކަން އެ ގައުމުގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އެމެރިކާގައި ހިންގާ ނަސްލީ ތަފާތުކުރުމުގެ ޖަރީމާތަކުގައި ކަޅު ނަސްލުގެ އެތަށް ބަޔަކު ކޮންމެ އަހަަރަކު މަރާލެވެއެވެ.