ޖަކާޓާ (މޭ 10): ރަޝިޔާގައި އުފައްދާ ފަސިންޖަރު މަތިންދާބޯޓެއް ތަޖްރިބާ ދަތުރެއްގައި އުދުހެނިކޮށް ގެއްލިއްޖެ ކަމަށް އިންޑޮނީޝިޔާ އިން ބުނެފި އެވެ.

އިންޑޮނީޝިޔާގެ ސިވިލްއޭވިއޭޝަނާ ޙަވާލާދީ ރަޝިޔާގެ "އީޓަރޓާސް" ނޫސް އެޖެންސީ ޚަބަރުދޭ ގޮތުގައި ރަޝިޔާގައި އުފައްދާ ފަސިންޖަރު މަތިންދާބޯޓެއް ކަމަށްވާ "ސޮޚޮއި ސްޕަރޖެޓް 100" މަރުކާގެ މަތިންދާބޯޓެއް 46 ފަސިންޖަރުންނާ އެކު ޖަކާޓާގެ ދެކުނުގެ އެއަރޕޯޓަކުން ފުރުމަށް ފަހު އެބޯޓު ވަނީ ރާޑަރުތަކުން ގެއްލިފަ އެވެ. ރާޑަރުތަކުން ބޯޓު ގެއްލުމުގެކުރިން ކުއްލި ޙާލަތުގައި ބޯޓު ޖެއްސުމަށް މަސައްކަތްކުރާކަމުގެ ސިގްނަލެއް ފައިލެޓް ދީފައިވާ ކަމަށް އިންޑޮނީޝިޔާގެ ސިވިލްއޭވިއޭޝަނުން ބުނެ އެވެ.

މިބޯޓު ގެއްލުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި ގެއްލުނުއިރު ބޯޓުދަތުރުކުރަމުން ދިޔައީ 10 ހާސް މީޓަރު މަތިންކަމަށާ ބޯޓުވެއްޓުނު ކަން ވެސް އަދި އެހެން އެއަޕޯޓަކަށް ބޯޓު ޖެއްސިކަން ވެސް އެނގިފައިނުވާ ކަމަށް އިންޑޮނީޝިޔާގެ ރެސްކިއު އޮޕަރޭޝަންތަކާ ބެހޭ ނެޝަނަލް އެޖެންސީ ބުނެ އެވެ. ރަޝިޔާގެ އޭވިއޭޝަން އިންޑަސްޓްރީގެ ތަޖްރިބާކާރުން ވަނީ މިމަރުކާގެ ބޯޓުތަކުގައި ފަންނީ މައްސަލައެއް އުޅޭކަން މިހާތަނަށް އެނގިފައިނުވާ ކަމަށް ބުނެފަ އެވެ.

ރަޝިޔާގެ ބޯޓު އިއްޔެ އިންޑޮނީޝިޔާއަށްއައީ "ސޮޚޮއި ސްޕަރޖެޓް" ކުންފުނިން އޭޝިޔާގެ 6 ގައުމެއްގައި ބާއްވަމުން ގެންދާ އެއަރ އެގްސިބިޝަން ޝޯ އެއްގައި ބައިވެރިވުމަށެވެ. ޕާކިސްތާން، މިޔަންމާ، ކަޒަޚިސްތާން، ލޯއޮސް، ވިއެޓްނާމް އަދި އިންޑޮނީޝިޔާގައި ކުރިޔަށްދާ މިޝޯގައި ރަޝިޔާގެ "ސޮޚޮއި ސްޕަރޖެޓް" ކުންފުނީގެ އެތައް ބޯޓެއް ބައިވެރިވެ އެވެ. (ނޫސްއެޖެންސީތައް)