ކިޔޭވް (3 ސެޕްޓެމްބަރު 2023): ރަޝިއާ އާ ދެކޮޅަށް ދުރުރާސްތާގެ މިސައިލް ބޭނުންކުރަން ފަށާފައިވާކަމަށާއި އެކަމުގެ ގެއްލުން ރަޝިއާއަށް ވަރަށް ބޮޑަށްކުރާނެކަމަށް ޔުކްރެއިންގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ކިޔެވްގައި ދެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ ޔުކްރެއިނުން 700 ކިލޯމީޓަރުގެ ރާސްތާގެ މިސައިލް އަމިއްލައަށް އުފައްދާފައިވާ ކަމަށެވެ. އަދި އެ މިސައިލްތައް ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ހަމަލާދޭން ޔުކްރެއިނުން މަސައްކަތްކުރާ ކަމަށެވެ.

ޒެލްންސްކީ މިހެން ވިދާޅުވިއިރު ޔުކްރެއިނުން އިއްޔެވަނީ ރަޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ ސްކޯފް ސަރަހައްދުގެ އެއާޕޯޓަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަށް އިޝާރާތް ކުރައްވަމުން ޒެލެންސްކީ ވަނީ ޔުކްރެއިނުން މިއައަށްވުރެވެސް ދިގު ރާސްތާގެ މިސައިލް އަމިއްލަ ޓެކްނޮލޮޖީގައި އުފައްދަން މަސައްކަތްކުރާކަމަށް ވިދާޅުވެފައެވެ.

ޔުކްރެއިނުން ރަޝިއާގެ ސްކޯފް ސަރަހައްދުގެ އެއާޕޯޓަކަށް ދިން ހަމަލާތަކުގައި ރަޝިއާއަށް މާއްދީ ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެތެރޭގައި އެ އެއާޕޯޓްގައި އޮތް ރަޝިއާގައި އުފައްދާ "އިލްޔޫޝަން 76" މަރުކާގެ ހަތަރު މަތިންދާބޯޓެއްގައި އަލިފާން ރޯވެ، އެބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުން ހިމެނެއެވެ.

ނަމަވެސް ޔުކްރެއިނުން ރަޝިއާގެ ސްކޯފް ސަރަހައްދުގެ އެއާޕޯޓަށް ހަމަލާދިނީ ޑްރޯންތަކެއް ބޭނުންކޮށްގެންނެވެ. ޒެލެންސްކީ ވިދާޅުވިފަދަ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެނެއް ނޫނެވެ. ސްކޯފަށް ހަމަލާދިން ޑްރޯންތަކަކީ އިނގިރޭސިވިލާތުން ޔުކްރެއިންއަށް ދިން ޑްރޯންތަކެއްކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަންކުރުމަށްޓަކައި ހުޅަނގުގެ އަސްކަރީ އެހީއާއެކު މިއަހަރުގެ ކުރީކޮޅު ޔުކްރެއިނުން ފެށި ރައްދު ހަމަލާ ނުވަތަ ކައުންޓަރ އެޓޭކް ކާމިޔާބުވެފައެއް ނުވެއެވެ. ޔުކްރެއިންގެ ކައުންޓަރ އެޓޭކްވަނީ ރަޝިއާ ތިން ލައިނަށް އަޅާފައިވާ ދިފާއީ ލައިންތައް ފޫއަޅުވާލުމުގައި ނާކާމިޔާބުވެފައެވެ.

މިއާއެކު ޔުކްރެއިންވަނީ ޑްރޯން ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ގިނަ ހަމަލާތަކެއް ދޭން ފަށާފައެވެ. މިހަމަލާތަކުގެ ބޭނުމަކީ ޔުކްރެއިންގެ ކައުންޓާ އެޓޭކް ނާކާމިޔާބުވި މައްސަލަ ފޮރުވައި އޭގެބަދަލުގައި ސީދާ ރަޝިއާއަށް އިސްވެ ހަމަލާދިނުމުގެ ގާބިލުކަން ޔުކްރެއިންގައި ހުރިކަން ދެއްކުންކަމަށް ރަޝިއާ ބުނެއެވެ. ނަމަވެސް ޔުކްރެއިނުން ކައުންޓާ އެޓޭކް ފެށީ ރަޝިއާގެ އެތެރެއަށް ހަމަލާދޭކަށެއް ނޫނެވެ.

ޔުކްރެއިނުން ކައުންޓާ އެޓޭކް ފެށީ ރަޝިއާ ހިފާފައިވާ ކްރައިމިއާ އާއި ދޮނިޔެސްކް އަދި ލޮޣާންސް ފަދަ ޔުކްރެއިންގެ ސަރަހައްދުތައް މިނިވަންކުރުމަށެވެ. މިކަމުގައި ޔުކްރެއިންވަނީ ނާކާމިޔާބުވެފައެވެ. ރަޝިއާގެ ދިފާއީ ލައިންތައް ދަނީ ވަރުގަދަކަމުންނެވެ. ރަޝިއާ ބުނާގޮތުން ޑްރޯން ހަމަލާތަކުން ސަލާމަތްވުމުގެ އޮޓަމެޓިކް ނިޒާމެއް އެގައުމުގައި ކުރިން ގާއިމްކޮށްފައި ނެތެވެ. ނަމަވެސް މިހާރު ގެންދަނީ އެފަދަ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.