ކާބުލް (މޭ 10): އަފްޣާނިސްތާނުގެ ޢާއިލާއެއް އެއްކޮށް މަރާލިކަމަށް ނޭޓޯ އިން އެއްބަސްވެ އެކަމަށް މަޢާފަށް އެދެފި އެވެ.
ނޭޓޯގެ ޢަސްކަރީ ތަރްޖަމާން ސްޓީވާޓް ނެޕްޓޮން އިއްޔެ ވިދާޅުވީ އަފްޣާނިސްތާނުގެ ހެލްމަންދު ސްޓޭޓްގެ ރައްފުށުގެ ޖިފުޓިތަކަކަށް ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިން ދިން ޙަމަލާއެއްގައި ހަ މީހުން ހިމެނޭ އަފްޣާން ޢާއިލާއެއް އެއްކޮށް މަރުވެފައިވާކަން ތަހްޤީޤްތަކުން ކަށަވަރުވެއްޖެ ކަމަށާއި މިއީ ނޭޓޯ އިން ދެރަވެ އަފްޣާން ސަރުކާރާއި ރައްޔިތުންގެ ކިބައިން މަޢާފަށްއެދޭ ކަމެއްކަމުގަ އެވެ.

ހެލްމަންދު ސްޓޭޓްގެ ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ނޭޓޯ އިން އަފްޣާން އާންމުންގެ ސަލާމަތަށް ނުބަލާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހަނގުރާމައިގާ ޢާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އެކަންކުރިބައެއްގެ މައްޗަށް ދަޢްވާކުރެވޭނެ ކަމެއްކަމަށް ވެސް ބުނެފައިވެ އެވެ. ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިންގެ ޙަަމަލާތަކެއްގައި މިދިޔަ ހަފްތާގައި މަރުވި ޢާއިލާގައި ހިމެނެނީ މަންމައަކާއި ތިން އަންހެންކުދިންނާއި ދެ ފިރިހެންކުދިންނެވެ. މިކުދިންގެ ބައްޕަ ކުރިން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުުނެ އެވެ.

މިޖަރީމާއާ ގުޅިގެން އަފްޣާން ސަރުކާރުން ވަނީ އެމެރިކާ އާއި އަފްޣާނިސްތާނުގެ ގުޅުންތައް ދެމެހެއްޓުމާ ބެހޭ ގޮތުން ދެޤައުމުގެ ރައީސުން ދާދިފަހުން ސޮއިކޮށްފައިވާ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުން އުވާލާންޖެހިދާނެ ކަމުގެ އިންޒާރު އަފްޣާނިސްތާނުން އެމެރިކާ އަށް ދީފި އެވެ.

މިކަމާބެހޭ ގޮތުން އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއިގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، އެމެރިކާގެ ޙަމަލާތަކުގައި އަފްޣާން ޢާންމުން މަރުވުން ނުހުއްޓުވޭނެ ނަމަ 2014ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު ދެ ޤައުމުގެ ސްޓްރެޓީޖިކް ގުޅުންތައް ޤާއިމްކުރުމުގެ ބޭނުމެއް ނެތްކަމަށް ބުނެ މިއެއްބަސްވުން އުވާލުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. ނަމަވެސް އެމެރިކާއާ ދެކޮޅަށް އަފަޣާން ސަރުކާރަށް އެޅޭނެ މާބޮޑުފިޔަވަޅެއް ނޯންނާނެ ކަމަށް މުރާސިލުން ބުނެއެވެ.

މިފަހަކަށްއައިސް އަފްޣާން ސިފައިންގެ ބައެއް މީހުން ނޭޓޯ ސިފައިންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދެމުން ގެންދަނީ މިފަދަ ޢަމަލުތަކަށް ބަދަލުހިފުމުގެ ގޮތުންކަމަށާއި އެފަދަ މީހުންގެ ފަހަތުގައިވާ ކަމަށް އިދިކޮޅު ތާލިބާން ޖަމާއަތުން ބުނެފައިވެ އެވެ. އަފްޣާން ސިފައިންގެ ދޭ ޙަމަލާތަކުގައި ނެޓޯ ސިފައިންގެ 18 މީހަކު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި މަރުވެފައިވެ އެވެ.

މިމައްސަލަގާއި، ނޭޓޯ ސިފައިންގެ އިސްކޮމާންޑަރު ޖެނެރަލް ޖޯން އެލަން އާއި ކާބުލްގައި ހުންނަވާ އެމެރިކާގެ ސަފީރު ރައިންކުރޫކަރ ރިޔާސީ ގަނޑުވަރަށް ގެންނަވައި އެދެބޭފުޅުންނާ ކަރުޒާއި ބައްދަލުކުރެއްވި ކަމަށްވެސް މިބަޔާން ބުނެފައިވެ އެވެ.

އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިންގެ ޙަމަލާތަކުގައި އަފްޣާން އާންމުން ވަރަށްގިނައިން މަރުވަމުން ދެއެވެ. އަދި އެމެރިކާ ސިފައިން ރޭގަނޑުގެ ވަގުތަކުގައި އަފްޣާން ވިލެޖްތަކުގެ ގެތަކަށްވަދެ އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ ޢާއިލާތަކަށް ބިރުދައްކައި ޢާއިލާތައް ހުރިހުރިގޮތަށް ބަޑިޖަހައި މެރުންފަދަ ހަނގުރާމައިގެ އެތަށް ޖަރީމާތައް ހިންގާފައިވެއެވެ. (ނޫސްއެޖެންސީތައް)