03 Sep 2023, 09:08
ހަނދުގެ ދެކުނު ތަނޑި ކައިރިއަށް ފަޅުވެރިޔަކާ ނުލައި ކާމިޔާބުކަމާއެކު ޖައްވީ އުޅަނދެއް ޖެއްސިތާ ދެ ހަފުތާ ވެސް ނުވަނީސް އިންޑިއާއިން ފުރަތަމަ ފަހަރަށް އިރު ދިރާސާ ކުރަން ޖައްވީ އުޅަނދެއް ލޯންޗުކޮށްފިއެވެ.
އިންޑިއާއަކީ އޭޝިއާގައި އިރުގެ މިފަދަ ދިރާސާއެއް ފެށި ފުރަތަމަ ގައުމެވެ.
އަދިތިޔާ-އެލް1ގެ ނަމުން ނަންދީފައިވާ ޖައްވީ އުޅަނދު އިންޑިއާގެ ދެކުނުގައި ހުންނަ ސްރީހަރިކޯޓާ ސްޕޭސް ސެންޓަރުން ސެޓެލައިޓް ލޯންޗް ވެހިކަލެއްގައި ފުރީ ދުނިޔެއާ ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު (930،000 މޭލު) ދުރުގައި ވާ ހިސާބަކުން އިރު ދިރާސާ ކުރުމުގެ ބޭނުމުގައެވެ.
އެލް1ގެ ނަމުން ސައިންސްވެރިން ނަން ދީފައިވާ މި ޕޮއިންޓަކީ މެދުކެނޑުމެއްނެތި އިރުގެ އަލިކަން ފެންނަ ހިސާބެކެވެ.
އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)އިން ބުނީ މި ޖައްވީ އުޅަނދަކީ އިރުގެ ކޮރޯނާ، ކްރޮމޮސްފިއާ، ފޮޓޯސްފިއާ އަދި ސޯލާ ވިންޑް ދިރާސާކުރުމަށް ހަތް ޕެލޯޑް ހިމެނޭ ޖައްވީ އުޅަނދެއް ކަމަށެވެ.
ޖައްވީ އުޅަނޑު ލޯންޗްކުރިތާ ގަޑިއެއްހާއިރު ފަހުން އިސްރޯއިން ބުނީ ލޯންޗް ކުރުން "ވަރަށް ކާމިޔާބު" ކަމަށެވެ.
އިންޑިއާއިން ފުރަތަމަ ފަހަރަށް ހަނދަށް ޖައްވީ މިޝަންއެއް ލޯންޗުކޮށްފައި ވަނީ މީގެ 13 އަހަރު ކުރިން 2008 ވަނަ އަހަރުއެވެ. އެ ފަހަރު ހަނދުގައި ފެނުގެ މޮލިކިއުލްސްތަކެއް ހުރިކަން ވަނީ ހޯދާފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ޖުލައި މަހު އިންޑިއާއިން ލޯންޗުކުރި ޗަންދްރަޔާން-2 މިޝަންގައި އޯބިޓަރަކާއި ލޭންޑަރެއް ހިމެނުނު ނަމަވެސް ހަނދަށް ޖައްސަން އުޅުމުން އެ އުޅަނދު ވަނީ ހަލާކުވެފައެވެ. އެ އެޅަނދުގެ އޯބިޓާ މިހާރު ވެސް ހަނދު ވަށާ އަންނަނީ ބުުރުޖަހަމުންނެވެ.
ޖައްވީ ދިރާސާތަކުގައި އިންޑިއާ ހޯދަމުން މިދާ ކާމިޔާބީތަކުގެ ސަބަބުން އެގައުމު ވެފައި މިވަނީ ހަނދަށް އުޅަނދެއް ފޮނުވި ހަތަރު ވަނަ ގައުމަށެވެ.