03 Sep 2023, 08:52
ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރަށްހުރި ސުހާނާ ޚާންގެ ފުރަތަމަ ތިއޭޓަ ފިލްމުގެ މުހިއްމު ރޯލަކުން އެކްޓަރު ޝާހްރުކް ޚާން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.
ސުހާނާ ޚާންއާއި ބައްޕަ ޝާހު އެކީގައި އަލަށް ސްކްރީނުން ފެންނަ މިފިލްމަކީ ޑައިރެކްޓަރު ސުޖޯއި ގޯޝް ގެނެސްދޭ ފިލްމެކެވެ. މީގެކުރިން ރިޕޯޓުތަކުން ބުނެފައިވަނީ ފިލްމުގައި ޝާހު ފެންނާނީ ހާއްސަ ފެނިލުމަކުން ކަމަށްވިޔަސް ޑައިރެކްޓަރު ސުޖޯއި ގޯޝްވަނީ ޝާހްރުކް ޚާން ފިލްމުގައި ކުޅޭނެ ރޯލާބެހޭ މަޢުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައެވެ.
މިފިލްމަކީ ސްޕައި ތުރިލާއަކަށްވެފައި ފިލްމުގައި ސުހާނާ ޚާން ފެންނާނީ ހާއްސަ ސްޕައި އެޖެންޓެއްގެ ރޯލްއިންނެވެ. އަދި ސުހާނާއަށް މަގު ދައްކައިދިނުމުގެ އެންމެ މުހިއްމު ރޯލް ފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ ބައްޕަ ޝާހްރުކް ޚާންއެވެ. މިފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފެށިފައިވާއިރު މިފިލްމަކީ ޑައިރެކްޓަރު ސިދާތު އާނަންދުއާ ޝާހުގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒްއާ ގުޅިގެން އުފައްދާ ފުރަތަމަ ފިލްމުވެސްމެއެވެ.
ފިލްމުގެ ޑައިރެކްޓަރު ސުޖޯއި ގޯޝްވަނީ މީގެކުރިން ފިލްމު "ބަދުލާ"ގައި ޝާހްރުކް ޚާންއާއެކު މަސައްކަތްކޮށްފައެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުގައި ސުހާނާއާއި ބައްޕަ ޝާހްރުކް ޚާން ކުޅޭނީ ފިލްމު "ޑިއާ ޒިންދަގީ"ގައި ޝާހުއާއި އާލިއާ ބަޓް ކުޅުނު ކަހަލަ ވަރަށް ރޯލެއްކަމަށް ފިލްމުގައި މަސައްކަތްކުރާ ޓީމު މެމްބަރެއްވަނީ ބުނެފައެވެ.
ކޮންމެއަކަސް ސުހާނާ ޚާން ފިލްމީ ދާއިރާއަށް ތަޢާރަފްވުމުގެ މަސައްކަތްކުރަމުން އަންނައިރު ޝާހުވަނީ މީގެކުރިންވެސް ދަރިފުޅު މިހާތަނަށް ކުރަމުން އަންނަ މަސައްކަތްތަކާމެދު ފަޚުރުވެރިވާކަމަށް ބުނެފައެވެ. އަދި އަބަދުވެސް ސުހާނާއަށް ބޭނުންވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވުމަށް ތައްޔާރަށް ހުންނާނެކަމަށް ޝާހުވަނީ ބުނެފައެވެ.
ޝާހުއާއި އަންހެނުން ގޯރީގެހުރި ހަމައެކަނި އަންހެން ދަރިފުޅާއެކު ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ޝާހުއަށް އިންތިހާ އުފާވެރިކަން ގެނެސްދޭނެކަމެކެވެ. ސުހާނާ ޚާން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފަވާއިރު ޝާހުގެ ދޮށީ ދަރިފުޅު އާރްޔަން ޚާންވެސްވަނީ އަލަށް ޑައިރެކްޓްކުރާ ވެބް ސީރީސްގެ މަސައްކަތް ފަށާފައެވެ. މި ވެބް ސީރީސްވެސް އުފައްދަނީ އާއިލާ ފިލްމު ކުންފުނިންނެވެ.