ޔަޝް ރާޖް ކުންފުނިން 2019ވަނަ އަހަރު ގެނެސްދިން ވަރުގަދަ އެކްޝަން ތުރިލާ ފިލްމު "ވޯ"ގެ ދެވަނަ ފިލްމު "ވޯ2" ރިލީޒްކުރުން 2025ވަނަ އަހަރަށް ފަސްކޮށްފިއެވެ.

ފިލްމު "ވޯ"އަކީ ޔަޝް ރާޖް ފިލްމްސްގެ ވައިއާރްއެފް ސްޕައި ޔުނިވާސްއިން އުފައްދަން ނިންމާފައިވާ އެންމެ ވަރުގަދަ އެކްޝަން ފިލްމުވެސްމެއެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ފިލްމަކީ އެކްޓަރު ރިތިކް ރޯޝަންއާއި ޓައިގާ ޝްރޮފްގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކާއެކު ގެނެސްދިން ފިލްމެކެވެ. އެހެންނަމަވެސް މިފިލްމުގެ ދެވަނަ ބައި ތަޢާރަފްކުރެވުނުއިރު އެކްޓަރު ޓައިގާ ޝްރޮފްގެ ބަދަލުގައި ރިތިކް ރޯޝަންއާއެކު ފިލްމުން ފެންނާނީ ތެލުގޫ އެކްޓަރު ޖޫނިއަރު އެންޓީއާރުކަމަށްވަނީ އިއުލާނުކޮށްފައެވެ.

ފިލްމު "އާރް އާރް އާރް"އިން ބޮޑު މަގުބޫލުކަމެއް ހޯދި މަޝްހޫރު އެކްޓަރު މިފިލްމުން ވިލެންގެ ރޯލްއިން ފެންނައިރު ރިތިކްއާއި ޖޫނިއަރު އެންޓީއާރު ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެކަމަށް ވައި އާރް އެފް ސްޕައި ޔުނިވާސްއިންވަނީ ބުނެފައެވެ.

ރިތިކް ރޯޝަންއާއި ތެލުގޫ އެކްޓަރު އެންޓީއާރު ޖޫނިއަގެ އިތުރުން ފިލްމުގެ ބަތަލާގެ ރޯލްއިން ކިއާރާ އަދުވާނީ ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ޔަޝް ރާޖް ފިލްމްސްއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފިލްމު "ވޯ"ގެ ސީކުއަލް 2025ވަނަ އަހަރަށް ފަސްކުރެވުނިއިރު ފިލްމު ރިލީޒްކުރުމަށް ޔަޝް ރާޖް ކުންފުނިން ތައްޔާރުވަމުން އަންނަނީ 2025ވަނަ އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ފިލްމު ރިލީޒްކުރުމަށެވެ.

ދެހާސް ނަވާރަ އަހަރު ގެނެސްދިން ފިލްމު ޑައިރެކްޓްކޮށްފައިވަނީ ކާމިޔާބު ޑައިރެކްޓަރު ސިދާތު އާނަންދެވެ. އެހެންނަމަވެސް 2025ވަނަ އަހަރު ގެނެސްދޭ ސީކުއަލްގެ ޑައިރެކްޓަރަކީ ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީއެވެ. ޔަޝް ރާޖްގެ ވައިއާރު އެފް ސްޕައި ޔުނިވާސްގެ ފިލްމެއް އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ މަނީޝް ޝަރުމާ ޑައިރެކްޓްކޮށް އަދިތުޔަ ޗޯޕްރާ ޕްރޮޑިއުސަރެއްގެ ރޯލް އަދާކުރާ ފިލްމު "ޓައިގާ3"އެވެ.