މިހާރު އަމަލުކުރާ ގާނޫނު އަސާސީ، ފެހި ގާނޫނު އަސާސީގައި ބަޔާންވެގެން ވަނީ ރާއްޖޭގައި އޮންނަން ވާނީ ޔުނިޓަރީ ދައުލަތެއް ކަމަށެވެ. މާނައަކީ މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކާއި އަދި މިނޫން ވެސް ތަންތަން ހިންގަން ވާނީ މައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށެވެ. ފަހަރެއްގައި ވެސް އެކިއެކި މުއައްސަސާތަކުން އެމީހުންނަކީ މިނިވަން ބަޔެއްކަމަށް ބުނެ، މައި ސަރުކާރުގެ އުސޫލުތަކާ ޚިލާފަށް އަމިއްލަ ސިޔާސަތުތަކެއް ތަންފީޒު ކުރަން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ދެވަނަ މާއްދާގައި ބުނާ، ޔުނިޓަރީ ދައުލަތުގެ ސިފައެއް ނޫނެވެ.

އާ ގާނޫނު އަސާސީ ވުޖޫދަށް އައީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކަލާއި އެކު އެވެ.

އެގޮތުން އައި އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމެވެ. ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމަށްޓަކައި ކުރި އެންމެ ބޮޑު ކަމަކީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމެވެ.

ކައުންސިލްތަކަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ތިބޭ ބައެކެވެ. ގާނޫނުން ކައުންސިލްތަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތަކީ މުނިސިޕަލް ޚިދުމަތްތައް ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ.

ކަން މިހެން ހުރި އިރު މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ ގާރަރެއް ވެސް ނެރެފަ އެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ވަނީ މިހާރުގެ ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ ގަރާރު ނެރެފަ އެވެ. މި ހިސާބުން ކުރި ފަޅައިގެން އަންނަ ސުވާލަކީ ސަރުކާރު ގަބޫލު ނުކުރާ ނަމަ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނީ ކިހިނަކުން ހެއްޔެވެ؟

މީގެ އިތުރުން ހައުސިން މިނިސްޓްރީން، ވަކި މުއްދަތަކަށް ސުނާމީ ބިނާ ސަރަހައްދާއި، ދަރުބާރުގެއާއި އެތާގެ ފުރަގަހުން އޮންނަ އުސް ފަސްގަނޑު މާލޭ ސިޓީކައުންސިލާއި ހަވާލުކޮށްފައިވަނިކޮށް ސިޓީ ކައުންސިލުން ވަނީ އެތަންތަން ދިގު މުއްދަތަކަށް ސިޔާސީ ޕާޓީއަކަށް ކުއްޔަށް ދޫކޮށްފަ އެވެ. މިފަދަ ކަންތައްތަކަކީ ޔުނިޓަރީ ދައުލަތުގެ ސިފަގެއްލޭ ގޮތަށް ކައުންސިލްތަކުން ކުރަމުން ގެންދާ ކަންތައްކަމަށް މާނަކުރެވިދާނެ އެވެ.

ގާނޫނުގެ ބޭރުން އަމަލުކުރާ ކައުންސިލްތަކާ އެކީ، ލޯކަލް ގަވާމެންޓް އޮތޯރިޓީން މަޝްވަރާކޮށް، އެކަން ހައްލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބޯޑު މެންބަރު އަހުމަދު ފައިސަލް ވިދާޅުވި އެވެ. އަދި ކައުންސިލްތަކާ އެކީ މަޝްވަރާކޮށްގެން ކައުންސިލަތައް ހަމަމަގަށް ނޭޅުވޭ ނަމަ ދެން ޖެހޭނީ އެ ކައުންސިލަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޔުނިޓަރީ ދައުލަތުގެ ސިފަގެއްލޭގޮތަށް ކައުންސިލްތަކުން އަމަލު ކުރާ އިރު، އެކަން ހައްލުކުރުމަށް ޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް އެ ނިޒާމް ހަމަމަގަށްއެޅި، އިތުރަށް ފުރިހަމަވެގެން ދާނެކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"ގާނޫނުގައި ބުނާ ޒިންމާތައް އަދާނުކޮށް ގާނޫނުގެ ބޭރުން މަސައްކަތްކުރާ ކައުންސިލްތައް ބަލައި މޮނިޓާކޮށް އެކައުންސިލްތަކާ އެކީ އެންގޭޖްވެގެން ހަމަ މަގަށް އެޅުވޭތޯ ބަލައި ހަމަ މަގަށް ނޭޅުވޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން. ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުން މިނިޒާމް އިތުރަށް ފުރިހަމަ ވެގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ނުގެނެސްވެސް ގާނޫނު މިހާރު ބައްޓަން ކުރެވިފައިވާ ގޮތުން، ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލޭގޮތަށް ކައުންސިލްތަކުން އަމަލުކުރާ ކަންތައް ހައްލުކުރެވެން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ދެކިވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވީ ގާނޫނީ އުސޫލުތަކާ ޚިލާފަށް އަމަލުކުރާ ކައުންސިލްތައް އުވާލުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު ލާމަރުކަޒީ ގާނޫނުން އެލްޖީއޭ އަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މިހާރު އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީކައުންސިލަކީ އުވާލަން ޖެހިފައިވާ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އިސްލާހު ނުކުރިއަސް މިހާރު ވެސް ގާނޫނުގައި އެބައޮތް އެކަންކަން ހައްލު ކުރެވެން. އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލުން މިހާރު އަމަލުކުރާ އުސޫލުތަކަށް ބަލާއިރު އެ ދެ ކައުންސިލް އުވާލުން ނޫންގޮތެއް ނެތް. ގާނޫނުގައި އެބައޮތް ކައުންސިލްތައް ގާނޫނީ އިމުގެ ބޭރުން އަމަލުކުރާ ނަމަ އެ ކައުންސިލްތައް އުވާލުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލޭގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރާ އިރު އެކަންތައް ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ކައުންސިލްތައް ހިނގަމުންދާ ގޮތް ބޭރުގެ ފަރާތްތަކަށް ކިޔައިދީ އެކަމުގައި އދ. އާއި ކޮމަންވެލްތު ފަދަ ތަންތަނުގެ އެހީތެރިކަން ވެސް ހޯދަން ޖެހެ އެވެ. އެގޮތުން ބައިނަލްއަގުވާމީ މޮނިޓަރުން ރާއްޖެ ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭރުގެ އެހީ ހޯދަން ޖެހޭ ބޭރުގެ ފަރާތްތަކަށް މިކަން ހިނގާ ގޮތް ކިޔައިދޭން ޖެހޭ. ކޮމަންވެލްތާއި އދ.ގެ އެހީތެރިކަން ވެސް ހޯދަން ޖެހޭ. ބައިނަލްއަގުވާމީ މޮނިޓަރުން ވެސް މިތަނަށް އައިސް އެބަޖެހޭ މިކަންތައްތައް ބަލަން،" މުއްތަލިބު ވިދާޅުވި އެވެ.

ކައުންސިލްތައް ވެސް ހަމައިން ނެއްޓި ހަމަ ގެއްލިފައިވާ އިރު އެ ކައުންސިލްތައް ވަނީ ގާނޫނުގެ އިމުގެ ތެރެއަށް ވައްދަން ޖެހިފަ އެވެ. އެއީ ކައުންސިލަކަށް ވިޔަސް އަދި އެހެން ބަޔަކަށް ވިޔަސް ވަކިން ގާނޫނުގެ ބޭރުގައި ނޫޅެވޭނެތީ އެވެ.