03 Sep 2023, 08:45
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ފިލްމަކަށް ކުރީގެ ފިލްމީ ބަތަލާއިންކަމަށްވާ ޝަބާނާ އަޒްމީއާއި ޒީނަތު އަމަން ސޮއިކޮށްފިއެވެ.
ދިގު މުއްދަތަކަށް ހިންދީ ސިނަމާއަށް ރީތި ހިތްގައިމު ޑިޒައިންތަކެއް ފެޝަންގެ ދާއިރާއިން ފަރުމާކޮށްދިނުމަށްފަހު މަނިޝް މަލްހޯތްރާ ލޯންޗުކޮށްފައިވާ އަމިއްލަ ފިލްމު ކުންފުނިން "ބަން ޓިއްކީ"ގެ ނަމުގައި އުފައްދާ މިފިލްމު ގެނެސްދޭނީ ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.
ހަތްދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގެ އެންމެ މަޝްހޫރު ދެ ބަތަލާއިންގެތެރެއިން ޝަބާނާއާއި ޒީނަތު އެއް ފިލްމެއްގައި މަސައްކަތްކުރުމަށް ނިންމާފަވާއިރު ޝަބާނާއަކީ މިހާރުވެސް ބައެއް ފިލްމުތަކުން ފެންނަ މޫނެކެވެ. ނަމަވެސް ޒީނަތު އަމަން ފިލްމުތަކުން ފެނުންވަނީ ވަރަށް މަދުވެފައެވެ.
މިއަހަރުގެ ނޮވެމްބަރު މަހުތެރޭ ފިލްމު "ބަން ޓިއްކީ"ގެ މަސައްކަތް ފެށުމަށް ނިންމާފަވާއިރު ޒީނަތުއާއި ޝަބާނާ އަޒްމީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އެކްޓަރު އަބޭ ޑިއޯލް ފެންނާނެއެވެ.
މި ފިލްމު އިއުލާނުކުރަމުން މަނިޝް މަލްހޯތްރާ ބުނެފައިވަނީ މިއީ އަމިއްލަ ފިލްމު ކުންފުނި ސްޓޭޖް5 ޕްރޮޑަކްޝަން ވުޖޫދަށް އައުމުގެ ކުރިން ވެސް ފަރުމާކޮށްފައި އޮތް ފިލްމު ސްކްރިޕްޓެއްކަމަށެވެ.
މިފިލްމުގެ ސްކްރިޕްޓާބެހޭ ތަފުސީލީ މައުލޫމާތު އަދި ހާމަކޮށްފައިނުވާއިރު ފިލްމުގެ ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނީ "ދުލްހާ ވޯންޓެޑް" އަދި "ސިސަކް"ފަދަ ފިލްމުތައް އުފެއްދިން ފަރާޒް އާރިފު އަންސާރީއެވެ.
ފިލްމު "ބަން ޓިއްކީ"ގެ އިތުރުން މަނިޝްގެ ފިލްމު ޕްރޮޑަކްޝަންއިންވަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ފަށަން ނިންމާފައެވެ. ޒީނަތު އަމަންއާއި ޝަބާނާ އަޒްމީ އެކީގައި ކުޅެފައިވާ ފިލްމުތަކުގެތެރޭގައި 1974ވަނަ އަހަރު ރިލީޒްކުރި ފިލްމު "އިޝްގް އިޝްގް އިޝްގް"އަދި 1982ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަޝާންތީ" ހިމެނެއެވެ.